ޚަބަރު

އަކްރަމަށް ވާދަކުރުމުގެ ފުރުސަތު، މަހުލޫފްގެ މައްސަލަ ނުނިމި ލަސްވާތީ ކަންބޮޑުވުން


ވެރިކަން ކުރަމުންދާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ވާދަކުރުމުގެ ފުރުސަތު ދިނުމަށް އެޕާޓީން ނިންމައިފިއެވެ.

އަކުރަމް ކަމާލުއްދީން ކުރިމަތިލައްވަން ހުށަހެޅުއްވީ މާލެ ދާއިރާގެ ރައީސް ކަމަށެވެ. އެމަގާމަށް ދެން ކުރިމަތިލެއްވީ މާލޭގެ ކުރީގެ މޭޔަރު ސިފާ މުޙައްމަދެވެ. އަކްރަމަށް ވާދަނުކުރެވޭ ގޮތަށް ނިންމައި ލިސްޓުން ނަން އުނިކުރުމާއި ގުޅިގެން އަކްރަމްވަނީ އެމްޑީޕީގެ އިސްތިއުނާފް މަޖިލީހަށް އެމައްސަލަ ހުށަހަޅުއްވާފައެވެ. މައްސަލަ ބެލުމަށްފަހު އަކްރަމަށް ވާދަކުރެވޭނެ ފުރުސަތު ވަނީ ދީފައެވެ.

އަކްރަމަށް ވާދަކުރުމުގެ ފުރުސަތު ދިނުމަށް ނިންމިއިރު، އިންތިޚާބުގައި ވާދަކުރުމަށް ހުށަހެޅުއްވި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފަށް ފުރުސަތު ދިނުމާއިމެދު އަދި ވަކިގޮތެއް ނިންމާފައި ނުވެއެވެ. މަހުލޫފް ވަނީ އޭނާއަށް ފުރުސަތު ނުދިނުމުން އެމައްސަލަވެސް އެމްޑީޕީގެ އިސްތިއުނާފު މަޖިލީހަށް ހުށަހަޅާފައެވެ. މައްސަލަ ލަސްވެގެންދާތީ ކަންބޮޑުވުން ފާޅު ކުރައްވައި މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މައްސަލަ ހުށަހެޅިތާ 6 ދުވަސް ވެގެންދާއިރުވެސް އެއްވެސް ގޮތެއް ނިންމާފައި ނުވާކަމަށެވެ. ނަމަވެސް ގަވާއިދު ބުނާގޮތުން 2 ދުވަސް ތެރޭގައި ޖަވާބެއް ދެއްވަން ޖެހޭކަމަށެވެ.

މަހުލޫފްވަނީ އޭނާގެ މައްސަލަވެސް އަވަސް ކޮށްދެއްވައި، ކެމްޕެއިން ކުރެވޭނެ ޖާގަ ލިބޭނެ ގޮތަށް ފުރުސަތު ތަނަވަސް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމިޓީ އަދި އިސްތިއުނާފު ފަޑިޔާރުންގެ މަޖިލީހަށް ހުށައެޅި ޝަކުވާއަށް އެއްވެސް ޖަވާބެއް ނުލިބި އިންތިޚާބަށް އެންމެ 30 ދުވަހަށް ވެފައިވާތީ މަހްލޫފްވަނީ މިމައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފައެވެ.

އެމްޑީޕީންވަނީ އެޕާޓީގެ އެތެރޭގެ އިންތިޚާބުގައި އެސެޓް ރިކަވަރީ ކޮމިޝަނާއި، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ބަލާ މައްސަލައެއްގައި ތުހުމަތު ކުރެވޭ އެއްވެސް ބޭފުޅަކަށް ވާދަ ނުކުރެވޭނެކަމަށް ބުނެފައެވެ. މީގެ އިތުރުން އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން އޭސީސީން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެކިއެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ ފަރާތްތަކަށްވެސް ވާދަ ނުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު އަންނަ މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް އެޕާޓީން ވަނީ ނިންމާފައެވެ.