ދުނިޔޭގެ ވިޔަފާރި

ޑެލިވަރީއަށް ބުރޫ އެރުމުގެ ސަބަބުން މެކްޑޯނަލްޑްސްއިން މިލްކްޝޭކް ހުސްވެއްޖެ


ޑެލިވަރީއަށް ބުރޫ އަރައިގެން އިނގިރޭސިވިލާތް، ސްކޮޓްލޭންޑް އަދި ވޭލްސްގައި ހުންނަ މެކްޑޮނާލްޑްސްގެ އައުޓްލެޓްތަކުން މިލްކެޝޭކާއި ފުޅީގައި ބަންދުކޮށްފައި ހުންނަ ބުއިންތައް ހުސްވެއްޖެއެވެ.

ޚަބަރުތައް ބުނާގޮތުން ތަކެތި ފޯރުކޮށްދިނުމުގެ ކުރިމަތިވާ ދަތިތަކުގެ ސަބަބުން މިލްކްޝޭކާއި ފުޅީގައި ބަންދުކޮށްފައި ހުންނަ ބާވަތްތައް ކުންފުނީގެ 1250 އައުޓްލެޓަކުން ވަނީ ހުސްވެފައެވެ. އަދި މި ދަތިތަކާއި ކުރިމަތިވި މައިގަނޑު އެއް ސަބަބަކީ ލޮރީ ޑްރައިވަރުންގެ ތާށިކަމާއި ހުރެ، އެއްތަނުން އަނެއް ތަނެއް ތަކެތި ޑެލިވަރީކުރުމަށް ދިމާވެގެން އުޅޭ މައްސަލަކަމަށް މެކްޑޮނާލްޑްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މިކަމުގެ ސަބަބުން ޑެލިވަރީތަކާއި ކަސްޓަމަރުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުންފުނިން ވަރަށްބޮޑަށް މަސައްކަތްކުރާކަމަށާއި މިއާއިއެކު ރެސްޓޯރެންޓްތަކުގެ މެނޫއިން ބައެއް އައިޓަމްތައް އުނިކޮށްފައިވާކަމަށްވެސް އެ ބަޔާނުގައި ބުނެއެވެ.

ޑްރައިވަރުން މަދުވުމުގެ ސަބަބުން ގިނަ ވިޔަފާރިތަކަކުން ވަނީ މި މައްސަލަ ރިޕޯޓްކޮށްފައެވެ. މެކްޑޮނާލްޑްސްގެ އިތުރުން ކުކުޅު ލިބުން ދަތިވުމާއިއެކު ސައުތު އެފްރިކާގެ މަލްޓިނޭޝަނަލް ފާސްޓް ފުޑް ޗެއިން ނަންދޯސްގެ ބައެއް ރެސްޓޯރަންޓްތައް ވެސް މިދިޔަ ހަފްތާގައި ވަނީ ބަންދުކުރަން ޖެހިފައެވެ.

މީގެއިތުރުން ޓްރަކް ޑްރައިވަރުން މަދުވުމުގެ ސަބަބުންވެސް އިނގިރޭސިވިލާތުގައި އެއްތަނުން އަނެއް ތަނަށް ތަކެތި އުފުލުމަށް ވަނީ ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ.

ޖުލައިމަހު އިނގިރޭސިވިލާތަށް ކުރިމަތިވި ކޯވިޑްގެ ރާޅުގެ ސަބަބުން ވަގުތީގޮތުން ގޭހާއި ކާނާގެ ލިބުންވެސް ދަތިވިއެވެ.