ތަރައްްޤީ

ހުޅުމާލޭގައި އިންޓަރނޭޝަނަލް ސްކޫލެއް އިމާރާތްކޮށް ހިންގުމަށް ކުވައިތުގެ ކުންފުންޏަކަށް


ހުޅުމާލޭގައި ބައިލިންގުއަލް އިންޓަރނޭޝަނަލް ސްކޫލެއް އިމާރާތްކޮށް ހިންގުމަށް ކުވައިތުގެ ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހުޅުމާލޭގައި އިންޓަރނޭޝަނަލް ސްކޫލެއް އިމާރަތްކޮށް ހިންގުމަށް ހަވާލުކޮށްފައިވަނީ އަލްޖެރީ ހޯލްޑިންގ ގްރޫޕާއެވެ. މި އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. އަދި އަލްޖެރީ ހޯލްޑިންގ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއަރމަން ޠަލާލް ޚަލީފާ އަލް ޖެރީއެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި ސްކޫލަކީ ގާތްގަނޑަކަށް 1200 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ. ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 12 އާ ހަމައަށް މި ސްކޫލުގައި ކިޔަވައިދޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިއީ އިންގްލިޝް މީޑިއަމް ސްކޫލެކެވެ. އަދި މި ސްކޫލުގައި ޢަރަބި ބަސް ކިޔަވައިދޭން ހަމަޖެހިފައިވާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.


މި ސްކޫލް އިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވަނީ 2 ފިޔަވަށްސަކަށް ބަހާލައިގެންނެވެ. އެގޮތުން ސްކޫލްގެ ފުރަތަމަ ފޭސްގައި އަންނަ ދިރާސީ އަހަރު ފެށޭއިރު ކިޔަވައިދޭން ފެށޭވަރު ވާނެކަމަށް އަލްޖެރީ ހޯލްޑިންގ ގްރޫޕާއި ހަވާލާދީ އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އަދި 2 ވަނަ ފޭސްގައި 2023 ވަނަ އަހަރުގެ ދިރާސީ އަހަރާއެކު ކިޔެވުން ފެށިގެން ދާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މި ސްކޫލް މެނޭޖްކޮށް ހިންގުމަށް ކުވައިތުގެ ކުންފުންޏާ ހަވާލުކުރިނަމަވެސް މި ސްކޫލް އިމާރާތް ކުރާނީ ރާއްޖޭގެ ކުންފުންޏަކާ ހަވާލު ކޮށްގެންކަމަށެވެ. އަދި އިމާރާތް ބަޔަކާ ހަވާލު ކުރުމަށް މިހާރު މަޝްވަރާތައް ކުރިއަށްދާކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

އަލްޖެރީ ހޯލްޑިންގ ގްރޫޕުން ކުވެއިތުގައި 20 އިންޓަނޭޝަނަލް ސްކޫލް ހިންގައެވެ. އަދި މި ކުންފުނީގެ ޗެއަރމަން ޠަލާލް ޚަލީފާ އަލްޖެރީއަކީ އަރަބި ދުނިޔޭގައި ނަން މަޝްހޫރު ވިޔަފާރި ޝަޚުސިއްޔަތެކެވެ.

ހުޅުމާލޭގައި އިންޓަރނޭޝަނަލް ސްކޫލެއް އިމާރާތްކޮށް ހިންގުމަށް ކުވައިތުގެ ކުންފުންޏަކާ ޙަވާލުކޮށްފައިވާއިރު، ހުޅުމާލޭގައި މިވަގުތުވެސް އަންނަނީ ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލުގެ ނަމުގައި ސިންގަޕޫރު މޮޑެލް ސްކޫލެއް ހިންގަމުންނެވެ.