ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމުކުރާ މުޢާސަލާތީ ޚިދުމަތްވެސް ސްމާޓްކޮށް


މާލޭ ސަރަހައްދުގެ އާބާދީ އަހަރުން އަހަރަށް އިތުރުވަމުން އައުމާ ގުޅިގެން 2015ވަނަ އަހަރު އޭރުގެ ސަރުކާރުން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ނަމުގައި ހުޅުމާލެއިން ބިން އިތުރުކުރުމުގެ މަސައްކަތް ފަށާފައެވެ. މުޅިން އާ މަޝްރޫޢެއްގެ ގޮތުގައި ހުޅުމާލޭ ފަޅުން 244 ހެކްޓަރުގެ ބިން ހިއްކައި "ހުޅުމާލެ 2ވަނަ ފިޔަވަހި"ގެ ނަމުގައި ތަރައްޤީކުރަން ފެށިއެވެ. ދެވަނަ ފިޔަވަހިން ގޯތި ދޫކުރުމާއި ފްލެޓްތައް އިމާރާތްކުރަމުން އަންނައިރު އެތަނުގައި މީހުން އާބާދުވާން ފެށީ މިދިޔަ އަހަރު ތެރޭގައެވެ. މަދު އާއިލާތަކެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި، އަމިއްލަ މީހުން އިމާރާތްކޮށްފައިވާ ގެތަކަށްވަނީ ބަދަލުވެފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމުކުރާ އާއްމު ގިނަ ޚިދުމަތްތައް ތަރައްޤީކުރަމުންދަނީ ހިޔާ މަޝްރޫޢާއެކު އެތަނަށް ބަދަލުވާނެ ބޮޑު އާބާދީއަށް ބަލައިގެންނެވެ. ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓްތަކުގެ ތަޅުދަނޑި މިހާރު ހަވާލުކޮށްފައިވާއިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ މިހާރުގެ އެންމެ މުހިންމު މަސައްކަތަކީ ފްލެޓަށް މީހުން ބަދަލުވުމުގެ ކުރިން އެ އާބާދީއަށް ބޭނުންވާ އާއްމު ޚިދުމަތްތައް ދެވަނަ ފިޔަވަހީގައި ޤާއިމުކުރުމެވެ. ހުޅުމާލެއަކީ "ސްމާޓް ސިޓީ"ގެ ގޮތުގަ ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ސިޓީއެވެ. އާއްމު ޚިދުމަތްތަކުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމުކުރާ މުޢާސަލާތީ ޚިދުމަތްތައް ވެސް ބައްޓަންކޮށްފައިވަނީ ޒަމާނީ ގޮތްތަކަށް، "ސްމާޓް"ކޮށެވެ.

މީގެ އެއް މަޝްރޫއަކީ ހުޅުމާލޭގައި މުއާސަލާތީ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ހަދާ ޓަވަރުތަކާއި، ހިޔާ ޓަވަރުގެ އެންމެ މަތީ ފަންގިފިލާގަ ހަދާ "ރޫފްޓޮޕް ޕޯލް" ތަކުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި މުއާސަލާތީ ބޭނުންތަކަށް 4 ޓަވަރެއް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މީގެ ތެރޭގައި ތިމާވެއްޓާއި ރަހުމަތްތެރިގޮތަށް ފަރުމާކޮށްފައިވާ މޮނޮޕޯލް ޓަވަރަކާއި ހަތަރުފައިލީ އެންގިއުލަރ ތިން ޓަވަރު ހިމެނެއެވެ.

މި މަސައްކަތް ކުރަމުން އަންނަ އެޗްޑީސީން ވިދާޅުވީ މިވަސީލަތްތަކަކީ މުއަސަލާތީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަކަށްވެސް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ބޭނުންކުރެވޭގޮތަށް ފަރުމާކޮށްގެން އުފައްދާފައިވާ ޓަވަރުތަކެއްކަމަށެވެ. އަދި މުޅި ޓެލެކޮމް އިންފްރާ ބިނާކުރަމުން ދަނީ އެއްފަހަރާ ގިނަ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށްވެސް އެއްވިއުގައަކުން އެ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތަށް މުޅި ނެޓްވޯކް ޑިޒައިން ކޮށްގެން ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ހުޅުމާލެއަކީ ސްމާޓް ސިޓީއެއްގެ ގޮތަށް ކުރިއަށް ގެންދާ މަޝްރޫއުގައި އިންޓަރނެޓް މެދުވެރިކޮށް ލިބެންޖެހޭ ހުރިހާ ޚިދުމަތްތަކެއް ޢާއްމު ރައްޔިތުންނަށް ފަސޭހައިން ލިބޭނެ ގޮތަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެޗްޑީސީން ކުރިއަށްގެންދާ "އޯޕަން އެކްސެސް ނެޓްވޯކް"ގެ ބިޒްނަސް މޮޑެލްގައި މުޅި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުރިހާ ޢިމާރާތްތައް އެއް ވިއުގައަކުން ގުޅާލާނެއެވެ. މީގެ އިތުރުން މި ނެޓްވޯކްގެ ސަބަބުން ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޒަމާނީ ވަޞީލަތްތައް ބޭނުންކުރުމާއި، އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުގެ އިތުރަށް އޮންލައިންކޮށް ތަޢުލީމް ހާސިލްކުރުން ފަދަ ކަންކަން ފުޅާދާއިރާއެއްގައި ތަނަވެސްވެގެންދާނެ ކަމަށް އެޗްޑީސީން ވިދާޅުވެފައިވެއެވެ.