ތަރައްްޤީ

ތާރީޚީ ދުވަހެއް : ރާއްޖޭގައި ހިންގާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢުގައި ސޮއިކޮށްފި


ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫޢު "ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސަައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ އެފްކޮންސް އިންފްރާސްޓްރަކްޗަރާއެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޕަރމަނަންޓް ސެކްރެޓްރީ ޒީނިޔާ އަހުމަދު ހަމީދުއެވެ. އަދި އެފްކޮންސް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު އާރު. އަނަންދުރަ ކުމާރުއެވެ.

މިރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވިއެވެ.

ގްރޭޓަރ މާލޭ ސަރަޙައްދު އެއް ވިއުގާއަކުން ގުޅާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންމެ މުހިއްމު ރިޔާސީ ވަޢުދުފުޅެކެވެ. މި މަޝްރޫޢުގެ ދަށުން 6.7 ކިލޯ މީޓަރުގެ ދިގު ބްރިޖް އަދި ކޯސްވޭއިން މާލެއާއި ވިލިމާލެއާއި، ތިލަފުށި އަދި ގުޅީފަޅު ގުޅާނާލެއެވެ. މި މަޝްރޫޢަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައިވަނީ އިންޑިއާ ހިލޭ އެހީއާއި ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އެގޮތުން މި މަޝްރޫޢަށް 100 މިލިއަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އިންޑިއާ ސަރުކާރުން ދެއްވާފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ގުޅީފަޅުގައި އަޅާ ބައިނަލްއަޤްވާމީ ބަނދަރު އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން މާލެއާއި ގުޅާލުން ވެގެންދާނީ ރާއްޖޭގެ އިޤްތިޞާދީ މައި އިންޖީނަށްކަމަށް ސަރުކާރުން ދެކެއެވެ. އެފްކޮންސް އިންފްރަސްޓްރަކްޗަރާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިންމުމަށް އަމާޒު ހިފާފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައެވެ. އެކުންފުންޏަކީ އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއުވެސް ކުރިއަށްގެންދާ ކުންފުންޏެވެ.

6.7 ކިލޯ މީޓަރު ދިގު މި ބްރިޖް/ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެއެވެ.

މި މަޝްރޫޢު ޑިޒައިންކޮށްފައިވާގޮތަށް ބަލާއިރު މާލެއާއި ވިލިމާލެ ބްރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅީފަޅާއި ތިލަފުށި ބްރިޖުގައި ވައްބުރު ޖަންކްޝަނެއް ހިމެނޭއިރު، ކޮންމެ ރަށެއްގައިވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލަރ ޕެނަލްތައް ހަރުކޮށް ބޮކިތައް އީޔާދަކުރަނިވި ހަކަތައިން ދިއްލޭ ނިޒާމު މި މަޝްރޫޢުގެ ތެރެއިން ޤާއިމުވެގެންދާނެއެވެ.

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން ކުރަންޖެހޭ އިތުރު މަސައްކަތްތައް މިވަގުތުވެސް ކުރިއަށް އެބަދެއެވެ. އެގޮތުން ބްރިޖް، ގުޅީފަޅާއި ގުޅާލާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން ވަނީ މިހާރު ފަށާފައެވެ. އަދި ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ސަރވޭއާއި، ބްރިޖްގެ ކުރެހުންތައް ފައިނަލްކުރުމުގެ މަސައްކަތްތައް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ދަނީ ކުރަމުންނެވެ.

މި މަޝްރޫޢުގެ ސަބަބުން މާލޭ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ފަސޭހަތަކެއް ލިބި، އިޤްތިޞާދީގޮތުންވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.