އަފްޣާނިސްޠާނުގެ ކޮންޓްރޯލް ޠާލިބާނުން ނެގުމުގެ ސަބަބުން ވޯލްޑް ބޭންކުން އެ ޤައުމުގެ ޕްރޮޖެކްޓްތަކަށް ދޭ އެހީ ވަގުތީ ގޮތުން ހުއްޓާލާއިފިއެވެ.
ވޯރލްޑް ބޭންކުން މިގޮތަށް ނިންމާފައި މިވަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް އައިއެމްއެފްއިން އަފްޣާނިސްޠާނަށް ދޭ އެހީވެސް މެދުކަނޑާލިތާ ކުޑަދުވަސްކޮޅެއް ފަހުންނެވެ.
ވޯލްޑް ބޭންކުން ވާހަކަދެއްކި އޮފިޝަލަކު ވިދާޅުވިގޮތުގައި އަފްޣާނިސްޠާނަށް ދޭ އެހީ މިވަގުތަށް މެދުކަނޑާލާފައިވީނަމަވެސް އެ ޤައުމުގެ ޙާލަތު ވަރަށް ކައިރިން ބަލަމުން ދާކަމަށެވެ. އަދި ވޯލްޑް ބޭނުންކުން ދަނީ އަފްޣާނިސްޠާނުގެ ތަރައްޤީއަށް ކޮށްދެވޭނެ ކަންކަމާއި އަފްޣާނިސްޠާނުގެ މީހުންނަށް އެހީތެރިވެވޭނެ އިތުރުގޮތްތައް ބަލަމުން ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.
ވޯރލްޑް ބޭންކުން ވަނީ 2002 ވަނަ އަހަރުން ފެށިގެން އަފްޣާނިސްޠާނު އަލުން އާރާސްތުކުރުމަށާއި ތަރައްޤީގެ އެކި ޕްރޮޖެކްޓްތަކަށް 5.3 ބިލިއަން އެމެރިކާ ޑޮލަރު ދީފައެވެ.
ވޯލްޑް ބޭންކުގެ އިތުރުން އައިއެމްއެފްއިން ވެސް ވަނީ އަފްޣާނިސްޠާނަށް އެހީވުން މެދުކަނޑާލާފައެވެ. މިގޮތުން އައިއެމްއެފްއިން އަފްޣާނިސްޠާނަށް ދޭ އެހީ ދެން އެ ޤައުމަށް ނުލިބޭނެކަމަށް އައިއެމްއެފްއިން މިދިޔަ ހަފްތާގައި ވަނީ އިޢުލާނުކޮށްފައެވެ. އަދި މިއީ އަފްޣާނިސްޠާނުގައި މިހާރު އޮތް ސަރުކާރަކީ ކޮބައިކަން ބައިނަލްއަޤުވާމީ ދުނިޔެއަށް އޮޅިފައިވުމުން ނިންމި ނިންމުމެއްކަމަށްވެސް އައިއެމްއެފްގެ އޮފިޝަލް ވިދާޅުވިއެވެ.
މީގެއިތުރުން އެމެރިކާގައި ހުރި އަފްޣާނިސްޠާނުގެ ސެންޓްރަލް ބޭންކްގެ އެސެޓްތައްވެސް ޠާލިބާނުންނަށް ބޭނުން ނުކުރެވޭނެކަމަށް ވައިޓް ހައުސްއިން ވަނީ ބުނެފައެވެ.