ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓާއެކު ތަރައްޤީގެ އައު ކުލަވަރުތަކާއެކު ރާއްޖެއަށް އިގްތިޞާދީގޮތުން އިންޤިލާބެއް ގެނެވޭނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ، ރާއްޖޭގައި ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުކަމަށްވާ ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، ރައްޔިތުންނާއި ގުޅުންހުރި އަސާސީ ޚިދުމަތްތަކަށް އިންވެސްޓްކުރުމަކީ މި ސަރުކާރުގެ އެންމެ މުހިއްމު ސިޔާސަތުތަކަމަށްވާއިރު، ކޯވިޑާއެކު ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުގެ ތެރޭގައިވެސް އެފަދަ މަޝްރޫޢުތަކަށް ސަރުކާރުން ހުއްޓުމެއްނެތި އިންވެސްޓްކުރަމުން ދިޔަކަމަށެވެ. އެގޮތުން ބަނދަރުތައް ހެދުމާއި، ފެނާއި ނަރުދަމާގެ ގިނަ މަޝްރޫޢުތަކެއް މިވަގުތުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކެކޭ އެއްފަދައިން މީހުން ބިނާކުރުމުގެ މަސައްކަތްތަކަށްވެސް ސަރުކާރުން ބޮޑު ހޭދައެއް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިފަދަ މަޝްރޫޢުތަކަށް ކުރާ އިންވެސްޓްމަންޓުތަކުގެ މަންފާ ދިގުމުއްދަތަކަށް މުޖުތަމަޢުއަށްކުރާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓާއެކު މި ފެށެނީ ތަރައްޤީގެ އައު ޒަމާނެއްކަން ފާހަގަކުރައްވާ، މި މަޝްރޫޢާއެކު މުޅި މާލޭ ސަރަޙައްދަށް އިންގިލާބީ ބޮޑު ބަދަލުތަކެއް އައިސް، ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ކުރާ މަސައްކަތްތަކަށްވެސް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މިއީ ގްރޭޓަރ މާލޭ ސަރަޙައްދާއި މުޅި ރާއްޖޭގެ އިޤްތިޞާދަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ އުއްމީދީ މަޝްރޫޢެއް. މި ބްރިޖާއެކު މާލެއާއި ވިލިމާލެއާއި ތިލަފުށި އަދި ގުޅީފަޅުގެ ކަނެކްޓިވިޓީ ވަރުގަދަވެ، ބައިނަލްއަޤްވާމީ ޕޯޓު ގުޅީފަޅަލަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ހަޤީޤީ މަންފާ ލިބިގެންދާނެ. މި ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ކުރާ ޚަރަދުވެސް ބޮޑުތަނުން ކުޑަކުރެވޭނެ. މާލޭ ސަރަޙައްދުގެ ތޮއްޖެހުމަށްވެސް ހައްލެއް ލިބިގެންދާނެ. ސިނާޢީ ތަންތަން ގުޅީފަޅާއި ތިލަފުއްޓަށް ބަދަލުކުރެވުމުން" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރ އަމީރު ދެއްކެވި ވާހަކަފުޅުގައި ކޯވިޑްގެ ސަބަބުން މާލީގޮތުން ދިމާވި ދަތިތަކާއެކުވެސް އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ބްރިޖުގެ މަޝްރޫޢަށް ބޭނުންވާ މާލީ އެހީ ކުޑަ އިންޓްރެސްޓް ރޭޓެއްގައި އިންޑިއާ ސަރުކާރުން ހަމަޖައްސައިދެއްވި ކަމަށްޓަކައި އިންޑިއާ ސަރުކާރަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ، ތަރައްޤީގެ މިފަދަ މުހިއްމު މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ފުރުޞަތު އިންޑިއާއަށް ލިބުމަކީ ލިބޭ އުފަލެއްކަމަށާއި، މިއީ ރާއްޖެއާއި އިންޑިއާގެ ޒަމާންވީ ގާތްގުޅުން ރަމްޒުކޮށްދޭނެ ވަރަށް މުހިއްމު މަޝްރޫޢެއްކަމަށެވެ.
އިންޑިއާ ސަފީރު ވިދާޅުވީ މިއީ މިހާތަނަށް އިންޑިއާއިން ރާއްޖޭގައި ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓުކަމަށާއި މަޝްރޫޢުގެ ކަންކަން ވީހާވެސް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުރިއަށްގެންދިއުމަށް ދިވެހި ސަރުކާރުން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާކަމަށެވެ.
ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ތެރެއިންނެވެ. މަޝްރޫޢު ޑިޒަައިންކޮށްފައިވާގޮތަށް ބަލާއިރު، 6.7 ކިލޯމީޓަރުގެ މި ބްރިޖު މާލެއާއި ވިލިމާލެއާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލާނީ 3 ނެވިގޭޝަނަލް ބްރިޖްތަކަކާއި، ކޯސްވޭތަކެއްގެ އިތުރުން މެރިން ވިއަރޑަކްޓް ބޭނުންކޮށްގެންނެވެ. މިއީ ތިމާވެއްޓާއި ރަށްޓެހި ހަމައެހެންމެ ޒަމާނީ ތަރައްޤީގެ ކުލަވަރު ފެނިގެންދާނެ ހިތްގައިމު ބްރިޖެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.