ވިޔަފާރި

ފަތުރުވެރިން އަންނަ އަދަދުތަކަށް ބޮޑު ކުރިއެރުމެއް، މިމަހު 2019އަށްވުރެ އިތުރު


މިމަހުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 2019 ވަނަ އަހަރުގެ އޮގަސްޓްމަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަށްވުރެ އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 25ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށްވަނީ 120529 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ ކޯވިޑްގެ ކުރިން 2019ވަނަ އަހަރުގެ އޮގަސްޓްމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 120341 ފަތުރުވެރިންނާއި އަޅާބަލާއިރު 0.2 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާއިރު، މިމަހުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އަދަދަކީ މިދިޔަމަހު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދަށްވުރެއްވެސް 18.3 އިިންސައްތަ އިތުރު އަދަދެކެވެ. މިދިޔަމަހު ރާއްޖެއަށް އައިސްފައިވަނީ 101818 ފަތުރުވެރިންނެވެ.

މިމަހުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 2019ވަނަ އަހަރުގެ އޮގަސްޓްމަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަށްވުރެ އިތުރުވެފައިވާއިރު، މިއީ ކޯވިޑްގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން އޮތް ހާލަތަށް ރުޖޫޢަވަމުންދާ ކަމުގެ ނިޝާނެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 732896 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4821 ފަތުރުވެރިން އާދެއެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާ އިންނެވެ. އެޤައުމުން ރާއްޖެއަށް ވަނީ 157876 ފަތުރުވެރިން އައިސްފައެވެ.

ދެވަނައަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށްވަނީ 146205 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. 42078 ފަތުރުވެރިންނާއި އެކު 3ވަނައަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޖަރުމަންވިލާތުންނެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިން އެވްރެޖްކޮށް 9 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.