ސިޔާސީ

އަފްޣާން ރައްޔިތުންނާއެކު މުޅި ދުނިޔެ ތެދުވަންޖެހޭ : މިނިސްޓަރ ޝާހިދު


އަފްޣާނިސްތާނުގެ ރައްޔިތުންނާއެކު މުޅި ދުނިޔެ ތެދުވަންޖެހޭކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ މިހެން ވިދާޅުވީ، އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް އެއަރޕޯޓު ހިމެނޭ ސަރަހައްދުގައި ދިން ޓެރަރިސްޓް ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ކުރެއްވި ޓުވީޓެއްގައެވެ.

މިނިސްޓަރ ޝާހިދުގެ ޓުވީޓުގައި މިޙަަމަލާތަކުގައި މަރުވި މީހުންނަށް ހެޔޮ ދުޢާކުރައްވައި، އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވާކަމަށް ވިދާޅުވިއެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް މުޅި ދުނިޔެ އެކަތިގަނޑެއްގެ ގޮތުގައި ތެދުވަން ޖެހޭކަމަށާއި، އަފްޣާން ރައްޔިތުންނާއެކުގައިވެސް މުޅި ދުނިޔެ ތެދުވަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އައިއެސް ޖަމާޢަތުން ނުރައްކާތެރި ޙަމަލާއެއް ދޭން އުޅޭކަމުގެ އިންޒާރުދީފައިވަނިކޮށް ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ކައިރީގައި ބާރުގަދަ ބޮމުގެ ޙަމަލާތަކެއް ދީފައިވަނީ ބުރާސްފަތި ދުވަހުއެވެ. މި ޙަމަލާތަކުގައި ގިނަ ބަޔަކު މަރުވެފައިވެއެވެ. މި ޙަމަލާތައް ދީފައިވަނީ އައިއެސް ޖަމާޢަތުން ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ނުރައްކާތެރި ޙަމަލާއެއް ދޭން މަސައްކަތްކުރާކަމުގެ ޞައްޙަ މަޢުލޫމާތު ލިބިފައިވާކަމުގެ އިންޒާރު އެމެރިކާއާއި ހުޅަނގުގެ ބައެއް ޤައުމުތަކުން ދީފައިވަނިކޮށެވެ.

ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާން ގެނައުމުން އެ ޤައުމު ދޫކޮށް ދާން ބޭނުންވާ އެތައް ހާސް ޢާންމުންވަނީ ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ހުންނަ ސަރަޙައްދަށް ޖަމާވެފައެވެ. އަދި ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ އަސްކަރީ މަތިންދާބޯޓުތަކުގައި 88،000 އަށްވުރެ ގިނަ މީހުންވަނީ އަފްޣާނިސްތާނުން ބޭރަށް ގެންގޮސްފައެވެ.

ބެލެވޭ ގޮތުގައި ކާބުލްގެ ވައިގެ ބަނދަރު ކައިރީގައި ބޮމުގެ ޙަމަލާތަކެއް ދީފައިވަނީ އަފްޣާނިސްތާނުން ބޭރަށް އެ ޤައުމުގެ ގިނަ ޢަދަދެއްގެ ޢާންމުން ދިޔުން ހުއްޓުވުމަށެވެ. އެ ޙަމަލާތައް ދީފައިވަނީ ވައިގެ ބަނދަރު ހުންނަ ސަރަޙައްދަށް ޢާންމުން ޖަމާނުވުމަށް ޠާލިބާނުންނާއި އެމެރިކާއާއި ހުޅަނގުގެ އަސްކަރީ ބާރުތަކުން އިލްތިމާޞްކޮށްފައިވަނިކޮށެވެ.