ދުނިޔޭގެ ވިޔަފާރި

ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ޖަޕާނުގެ ކާރުޚާނާތަކުގެ އުފެއްދުންތައް ދަށްވާނެ


ކޯވިޑްގެ އައު ޑެލްޓާ ވޭރިއަންޓް އޭޝިއާގައި ފެތުރެން ފަށައި ތަކެތި ފޯރުކޮށްދިނުމަށް ބުރޫ އެރުމުގެ ސަބަބުން ޖަޕާނުގެ ކާރުޚާނާތަކުގެ އުފެއްދުންތައް ޖުލައި މަހު ދަށްވެއްޖެކަމަށް ރޮއިޓާރސްގެ ޕޯލަކުން ދައްކައިފިއެވެ.

އެގޮތުން ކާރުޚާނާތަކުގެ އުފެއްދުންތައް ޖުލައި މަހު 2.5 އިންސައްތައަށް ދަށްވާނެ ކަމަށް ކުރިންވެސްވަނީ ލަފާކޮށްފައެވެ. ޖޫން މަހު މި ޢަދަދު ވަނީ 6.5 އިންސައްތައަށް އިތުރުވެފައެވެ.

މިކަމާއިގުޅިގެން ނޮރިންޗުކިން ރިސާރޗް އިންސްޓިއުޓްގެ އިސް އިޤްތިޞާދީ މާހިރު ވިދާޅުވީ ޑެލްޓާ ވޭރިއަންޓް ފެތުރި ތަކެތި ފޯރުކޮށްދިނުމުގައި ދަތިތައް ދިމާވުމުގެ އިތުރުން ދުނިޔޭގެ ބާޒާރުގައި ޗިޕް ލިބުން ދަތިވުމުންވެސް އޭގެ އަސަރު އުފެއްދުންތަކަށް ވަނީ ކޮށްފައެވެ.

ޖުމްލަކޮށް އުފެއްދުންތައް ދަށްވެފައިވީ ނަމަވެސް އިލެކްޓްރޯނިކް ސާމާނާއި އަންނައުނަށް އޮތް ޑިމާންޑް އުފުލި ޚަރަދުކުރާ މިންވަރު މިންކުރާ އެއް މިންގަނޑުކަމަށްވާ ރީޓެއިލް ވިޔަފާރި ވެފައިވާ މިންވަރު ޖުލައި މަހު ވަނީ އިތުރުވެފައެވެ. އެގޮތުން ޕޯލްގައި މާހިރުން ލަފާކޮށްފައިވާ ގޮތުން މިދިޔަ އަހަރުގެ ޖުލައި މަހާއި އަޅާބަލާއިރު މި އަހަރުގެ ޖުލައިމަހު ރީޓެއިލް ވިޔަފާރި ވަނީ 2.1 އިންސައްތައަށް އިތުރުވެފައެވެ. ނަމަވެސް ބަލިމަޑުކަމުގެ ސަބަބުން ޚަރަދުކުރާ މިންވަރު ދަށްވެދާނެކަމަށް މާހިރުން ލަފާކުރެއެވެ.

މީގެއިތުރުން ޖަޕާނުގައި ވަޒީފާނެތް މީހުންގެ ނިސްބަތް 2.9 އިންސައްތައިގައި ހުންނާނެކަމަށް ލަފާކުރާއިރު ވަޒީފާގެ ފުރުޞަތުތައް ހުރި މިންވަރު ވަނީ ޖޫންމަހާއި އަޅާބަލާއިރު 1.12 އިންސައްތައަށް ވެއްޓިފައެވެ. ޖޫން މަހު މި ނިސްބަތް ހުރީ 1.13 އިންސައްތައިގައެވެ.