ޚަބަރު

ރަސްފަރީ ފަރަށް އެރި އާގު ބޯޓު ފުންކޮށްފި


މިމަހުގެ 19ވަނަ ދުވަހު ކ.ރަސްފަރި ފަރަށް އެރި އާގު ބޯޓުގެ ފުންކޮށްފިއެވެ.

ކ.ރަސްފަރި ފަރަށް މިބޯޓު އަރާފައިވަނީ 19 މީހުންނާއެކު އިންޑިއާއިން ފުރައިގެން ސައުތު އެފްރިކާއަށް، ދަތުރުކުރަމުންދަނިކޮށެވެ. ބޯޓުން ދަތުރުކުރި 19 މީހުންނަކީވެސް ފިލިޕީންސްގެ ރައްޔިތުންނެވެ. އެމްއެންޑީއެފްއިން ވިދާޅުވީ ބޯޓު ފުންކޮށްފައިވަނީ އެމްއެންޑީއެފް ކޯސްޓް ގާޑާއި ކަމާއި ގުޅުންހުރި އިދަރާތަކުން ކުރި މަސައްކަތުން މިއަދު 14:08 ހާއިރުކަމަށެވެ.

ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ މި ބޯޓު ފަރަން އަރާފައިވަނީ ބޯޓުގެ އިންޖީނެއްގެ ހޫނުމިން މާބޮޑަށް މަތިވެގެން، އިންޖީނު ނިއްވާލުމުގެ ސަބަބުން ބޯޓު ބީހިގެންކަމަށް މަޢުލޫމާތު ލިބެއެވެ.


ޓްރާސްޕޯޓް އޮތޯރިޓީން ވިދާޅުވެފައިވަނީ މިހާތަނަށް ބެލި ބެލުމުން އުޅަނދުން ތިމާވެއްޓަށް ގެއްލުންވާނެ އެއްވެސް އެއްޗެއް ބޯޓުން ބޭރުވެފައި ނުވާކަމަށެވެ. ބޯޓުގައި ހުރި ލޯސަލްފާ އައި.އެފް.އޯ ގެ ތެރެއިން ޕްލޭންކުރި ގޮތަށް ތިރީ ތާގީތަކުން އުޅަނދުގެ މަތީ ތާގީތަކަށް ރައްކާތެރިކަމާއެކު ވަނީ ތެޔޮ ޓްރާންސްފާ ކޮށްފައިކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

އުޅަނދު ސަލްވޭޖްކޮށް ޕޯޓް ލިމިޓްގެ ބަނދަރު ސަރަޙައްދުގައި ނަގިލި ލުމަށްފަހު، ބޯޓުގެ އެކްސިޑެންޓް ތަހްޤީޤު ފަށާނެ ކަމަށާ، އަދި ބޯޓު ފަރަށް އެރުމުގެ ސަބަބުން ތިމާވެއްޓަށް ލިބިފައިވާ ގެއްލުން ބެލުމަށްޓަކައި އެންވަޔަރުމަންޓަ ޕްރޮޓެކްޝަން އެޖެންސީއާއި ކޯސްޓްގާޑުން ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށްވެސް ޓްރާންސްޕޯޓު މިނިސްޓްރީން ވިދާޅުވެއެވެ.

ބޯޓު ފަރަށް އެރުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފްއިން ވިދާޅުވީ މިބޯޓު ފަރަށް އެރުމުން އެކަމުގެ ރިޕޯޓް ލިބިފައިވަނީ ބޯޓުން ނޫންކަމަށާއި، އާއްމު ފަރާތަކުންކަމަށެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ ރަސްފަރި ފަރު ސަލާމަތްކުރުމަށް ބޯޓުގެ ކެޕްޓަންގެ އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށެވެ. އަދި މިހާދިސާ ހިނގުމުން އަންގަންޖެހޭ ފަރާތްތަކަށް ކެޕްޓަން އަންގާފައިނުވާކަމަށްވެސް ކަމާއިބެހޭ ފަރާތްތަކުން ވިދާޅުވެފައިވެއެވެ.