ދުނިޔޭގެ ވިޔަފާރި

އަލުން ދަތުރުފަތުރު ފެށުމުން އެއަރ ޗައިނާއާއި ޗައިނާ ސަދަންއަށް ގެއްލުން ކުޑަވެއްޖެ


ޗައިނާގެ އައު އަހަރާ ދިމާކޮށް އެއަރލައިންތަކުގެ އުދުހުންތައް އިތުރުވުމުގެ ސަބަބުން އެއަރ ޗައިނާއާއި ޗައިނާ ސަދަން އެއަރލައިނަށް އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު ގެއްލުން ކުޑަވެއްޖެއެވެ. ނަމަވެސް ކޯވިޑްގެ ބަލިމަޑުކަން ޗައިނާގައި އަނެއްކާވެސް ފެތުރެން ފަށައި ބޯޑަރު ބަންދުކުރުމުގެ ސަބަބުން އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އެއަރލައިންތަކަށް ލިބޭ ގެއްލުން ބޮޑުވާނެކަމަށް ބެލެވެއެވެ.

އެގޮތުން އެއަރ ޗައިނާއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 6.2 ބިލިއަން ޔޫއާން ނުވަތަ 958 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބިފައިވެއެވެ. ދެވަނަ ކުއާޓަރުގައި އެ އެއަރލައިނަށް ލިބިފައިވަނީ 578 މިލިއަން ޔޫއާން ނުވަތަ 89 މިލިއަން ޑޮލަރުގެ ގެއްލުމެކެވެ. މިއާއިއެކު ޗައިނާ ސަދަން އެއަރލައިންއަށް ލިބުނު ގެއްލުންވެސް ވަނީ ކުޑަވެފައެވެ. ފުރަތަމަ ކުއާޓަރުގައި 4.0 ބިލިއަން ޔޫއާން ނުވަތަ 618 މިލިއަން ޑޮލަރުގެ ގެއްލުން އެއަރލައިނަށް ލިބިފައިވެއެވެ. ދެވަނަ ކުއާޓަރުގައި މި ޢަދަދުވަނީ 682 މިލިއަން ޔޫއާން ނުވަތަ 105 މިލިއަން ޑޮލަރަށް ދަށްވެފައެވެ.

މީގެއިތުރުން މިޑް އޯޓަމް ފެސްޓިވަލާއި 4 ވަނަ ކުއާޓަރުގައި ދިގު މުއްދަތަކަށް ލިބޭ ރަސްމީ ޗުއްޓީގެ ސަބަބުން އަހަރުގެ ފަހު 6 މަސްދުވަހު އެއަރލައިންތަކަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި މިހާރު ފެތުރިފައިވާ ބަލިމަޑުކަން މި މަސް ނިމޭ ހިސާބުގައި ކޮންޓްރޯލް ކުރޭވެނެކަމަށްވެސް ސިއްޚީ މާހިރުން ވިދާޅުވެއެވެ.

ގިނަ ޤައުމުތަކާއި ޚިލާފަށް ޗައިނާގެ އެތެރޭގެ އުދުހުންތައް މިހާރު ވަނީ ބަލިމަޑުކަމުގެ ކުރީގައި ހުރިވަރާއި އެއްވަރުވެފައެވެ. އަދި ގިނަ އެއަރލައިންތަކުންވަނީ އެތެރޭގެ އުދުހުންތަކަށް ބޮޑެތި ބޯޓުތައްވެސް އިތުރުކޮށްފައެވެ. ނަމަވެސް އަހަރު ނިމެންވާއިރަށް ޗައިނާގެ %80 މީހުންނަށް ކޯވިޑް ވެކްސިން ފޯރުކޮށްދެވޭނަކަމަށް މާހިރުން ވިދާޅުވިނަމަވެސް އެހެން ޤައުމުތަކުން މި ބަލިމަޑުކަމާއިއެކު އުޅެން ދަސްކުރާއިރު ޗައިނާއިން "ޒީރޯ ޓޯލަރެންސް"އަށް އަމާޒު ހިފާފައިވުމުގެ ސަބަބުން އެ ޤައުމުގެ ބޯޑަރު އަލުން ހުޅުވުން އަދިވެސް ލަސްވެދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.