ދުނިޔޭގެ ވިޔަފާރި

ސިނާޢަތްތަކަށް ލިބޭ ފައިދާ ދަށްވުމުން ޗައިނާގެ އިޤްޠިޞާދު ހީނަރުވެދާނެކަމަށް ލަފާކޮށްފި


ދުނިޔޭގެ ދެވަނައަށް އެންމެބޮޑު އިޤްތިޞާދެއް އޮންނަ ޗައިނާގެ ސިނާޢަތްތަކަށް ޖުލައި މަހު ލިބުނު ފައިދާ ދަށްވެ އަދި ވޭތުވެދިޔަ 5 މަސްދުވަހުވެސް ފައިދާ ދަށްވުމުގެ ސަބަބުން ޗައިނާގެ އިޤްތިޞާދަށް ހީނަރުކަން އަތުވެދާނެ ކަމަށް ލަފާކޮށްފިއެވެ.

އެގޮތުން ރޯމެޓީރިއަލްގެ އަގު އުފުލުމާއި މޫސުން ގޯސްވުން އަދި ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ތަކެތި ފޯރުކޮށްދިނުމަށް ބުރޫ އެރުމުގެ ސަބަބުން އުފެއްދުންތެރިކަމުގެ ސެކްޓަރަށް ލިބުނު ޢާމްދަނީ ދަށްވެފައިވާ ކަމަށް ޗައިނާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) ގެ ހިސާބުތަކުން ދައްކައެވެ. މިއާއެކު ސިނާޢަތްތަކަށް ލިބުނު ފައިދާ ޖުލައިމަހު އިތުރުވެފައިވަނީ 16.4 އިންސައްތައަށެވެ. އަދި މިއީ އަހަރުގެ މިހާތަނަށް ބަލާއިރު އެންމެ މަދުން ފައިދާ ލިބުނު މަހެވެ.

ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ޗައިނާގެ އިޤްތިޞާދު ހީނަރުވެފައި އޮތް ނަމަވެސް އޭގެފަހުން އިޤްތިޞާދު ވަނީ އާރާސްތުވެފައެވެ. ނަމަވެސް އުފުލެމުންދިޔަ ޑިމާންޑާއި އެއްވަރަށް ތަކެތި އުފެއްދޭގޮތް ނުވުމާއި ތަކެތީގެ އަގު ބޮޑުވުމާއި އަދި ތަކެތި ގަންނަ މީހުން ބަލައިގެން ޚަރަދު ކުރަން ފެށުމުގެ ސަބަބުން އިޤްތިޞާދު އަނެއްކާވެސް ހީނަރުވެގެން ދިޔައެވެ.

އިޤްޠީޞާދީގޮތުން ޗައިނާއަށް އަންނާނެކަމަށް ލަފާކޮށްފައިވާ މި ހީނަރުކަމާއި ބެހޭގޮތުން ޝަންހާއީގެ އިޤްޠިޞާދީ މާހިރު ނީ ވެން ވިދާޅުވިގޮތުގައި އިޤްތިޞާދީ ހީނަރުކަން އަންނާނެ ފަދަ މުހިންމު ސިގްނަލެއް މިހާރު ފެނިފައިވާއިރު އުޞޫލުތައް ކަނޑައަޅާ ފަރާތްތަކުން އިޤްތިޞާދީ ކުރިއެރުން ބަލާ މިންގަނޑުތަކާއި އުޞޫލުތަކަށް ބަދަލު ގެންނާނެކަމަށް އުންމީދު ކުރާކަމަށެވެ.

އިޤްތިޞާދީ ހީނަރުކަން އައި މައިގަނޑު ސަބަބުތަކަކީ ކޯވިޑްގެ ބަލިމަޑުކަން ފެތުރުމާއި، ފެންބޮޑުވުމާއި ތަކެތީގެ އަގުބޮޑުވުމުން ކަމަށް އެންބީއެސްގެ ސީނިއަރ ސްޓްޓިސްޝިއަން ޒޫ ހޮންގްވެސް ވަނީ ވިދާޅުވެފައެވެ.

މި އަހަރުގެ ފުރަތަމަ 6 މަސްދުވަހު ސިނާއަތްތަކަށް ފައިދާވާ ދުވެލި މަޑުވެފައިވީ ނަމަވެސް އަހަރުގެ ފުރަތަމަ 7 މަސް ދުވަހުގެ ތެރޭގައި ސިނާޢަތްތަކަށް ލިބުނު ފައިދާ 57.3 އިންސައްތައަށް ވަނީ އިތުރުވެފައެވެ. ނަމަވެސް ޖުލައި މަހު މި ކުރިއެރުން ވަނީ ދަށްވާން ފަށާފައެވެ. އަދި މިއީ ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ގައިދުރުކުރުމުގެ އުސޫލުތަކާއި އިތުރު ހަރުކަށި ފިޔަވަޅުތައް އެޅުމުގެ ސަބަބުން ދަށްވާން ފަށާފައިވާ ދަށްވުމެއްކަމަށް މާހިރުން ދެކިލައްވައެވެ.

ފަސޭހައިން ގައިގަޔަށް އަރައި އައު ޑެލްޓާ ވޭރިއަންޓްގެ ކޭސްތައް ޖުލައި މަހު ޗައިނާގައި އިތުރުވެފައިވާއިރު ހެނަން ޕްރޮވިންސަށް ރެކޯޑް ޢަދަދަކަށް ވާރޭ ވެހުމުގެ ސަބަބުންވެސް ޗައިނާގެ ސިނާޢަތްތަކުގެ އުފެއްދުންތަކަށްވަނީ ވަރަށްބޮޑަށް އަސަރުކޮށްފައެވެ.

މީގެއިތުރުން ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ޗައިނާގެ މުދާ އުފުލާބޭރުކުރާ މައިގަނޑު އެއްބަނދަރުކަމަށްވާ ނިންބޯ ބަނދަރުގައި ޚިދުމަތްދިނުންވެސް ޗައިނާ ސަރުކާރުން ވަނީ މެދުކަނޑާލާފައެވެ.