ޚަބަރު

"އިންނަމާދޫ ރައްޔިތުން ބޯން ބޭނުންކުރަނީ ރައްކާތެރި ފެނެއް ނޫން"



އާބާދީގައި 500އަށްވުރެ ގިނަ މީހުންގެ ދިރިއުޅޭ ރ.އިންނަމާދުއަކީ ބިމުގެ ގޮތުން ކުޑަރަށެކެވެ. އެރަށުގެ ބިމުގެ ބޮޑުމިނުގައި 33.9 ހެކްޓަރު ހުންނައިރު މިވަގުތު ރަށްފުރި ގޯތި ދުކޮށްފައި ހުރީ އޮޑިދޯނިފަހަރުތައް ބަންނަމުންދާ ހަރުގެތައް ކައިރީގައެވެ.

އެ ތަނުގައި ބަންނަ ދޯނި ތަކުން އަރާ ކުޑިތަކާއި ކެމިކަލްތަކުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ސާފު ބޯފެން ލިބުމުގައި ވަނީ ދަތިތަކާ ކުރިމަތިލާންޖެހިފައެވެ. ރަށުގެ ރައްޔިތުން ތިބީ ރައްކާތެރި ބޯފެނާއި ރަނަގަޅު ފެނުގެ ނިޒާމަކަށް ބޭނުންވެފައެވެ.

ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްފަދައިން އިންނަމާދޫގެ ރައްޔިތުންވެސް ކެއްކުމަށާއި ބުއިމަށް ބަރޯސާވަނީ ވާރޭފެނަށެވެ. އެހެންނަމަވެސް މިހާރު އެ ފެނަކީ ބުއިމަށާއި ކެއްކުމަށްވެސް ރައްކާތެރި ފެނެއް ނޫންކަމަށް އެރަށު ރައްޔިތުން ޤަބޫލުކުރެއެވެ. ސަބަބަކީ އެރަށާކީ ފައިބަރުން އޮނޑިދޯނި ފަހަރު ބަންނަ ރަށަކަށްވުމާއި އޭގެ ސަބަބުން ރައްކާތެރިގޮތުގައި ވާރޭ ފެން ނެގުމަށް ދަތިވުމެވެ.

އެހެންނަމަވެސް ސަރުކާރުން އެރަށުގައި ފަށާފައިވާ ފެނުގެ ނިޒާމް ޤާއިމްކޮށް ނިމޭއިރު ބޭނުން ކުރުމަށް ރައްކާތެރި ފެން ލިބިގެންދާނެއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިންނަމާދޫ ކައުންސިލްގެ ރައީސް އަޙްމަދު އަޒްމީން ވިދާޅުވީ ރަށެގެ ބައެއް ގެތަކުގެ ފެން ބޭނުން ނުކުރެވޭވަރަށް ތަޣައްޔަރުވެފައި ވާކަމަށެވެ.

ފެން ތަޣައްޔަރުވުގެ ޝަކުވާތައް ނައިކަމުގައި ވީނަމަވެސް ބައެއް ސަރަޙައްދުތުކގައި ފެންތިލަވުމުގެ ސަބަބުން ތަފާތު ދަތިތަކާ ކުރިމަތިލާންޖެހޭކަމަށް އޭނަ ވިދާޅުވިއެވެ. އަޒްމީން ވިދާޅުވީ ފެންވެރުމަށް މިހާރު ބޭނުންކުރާ ފެން ރަނގަޅުނަމަވެސް އެފެނަކީ ބޯން ރަނގަޅު ފެނެއް ނޫންކަމަށެވެ. އަދި މިކަމަށް ވީއެންމެ އަވަހަކަށް ހައްލެއް ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ ކުރިންވެސް މަސައްކަތްތަކެއް ކޮށްފައިވާނެ އޮނޑިދޯނިފަހަރު ބަންނަ ހަރުގެ ތައް އެއަތޮޅު ވާދޫއަށް ބަދަލުކުރުމަށް. ރަށްވަށައިގެން އޮތީ ހަރުގެ ތައް އަޅާފައި. ބިން ކުޑަވުމުގެ ސަބަބުން އެ ސަރަޙައްދުގައި އުޅޭ ރައްޔިތުންނަށް ސާފު ބޯފެން ލިބުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ. ފައިބަރު ކުނޑިއާއި ކެމިކަލްގެ ވަހުގެ ސަބަބުން ފެންނަގަން ގޮންޖެހުންތަކާ ދިމާވޭ." އަޙްމަދު އަޒްމީން ވިދާޅުވިއެވެ.

އިންނަމާދޫއަށް ދިމާވެފައިވާ ފެނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ އެރަށުގައި އެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން މިހާރު އެ ރަށުގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ އިމާރާތުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މިހާރު ފެނުގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި އިންނަމާދޫއަށް ވަނީ ގެންގޮސްފައެވެ.

އިންނަމާދޫގައި 8.33 ކިލޯމީޓަރުގެ ދިގު ފެންހޮޅީގެ ނެޓްވޯކެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ފެން ރައްކާކުރަން ތިން ތާންގީ މި މަޝްރޫއުގެ ދަށުން އެރަށުގައި ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެރަށުގައި ކުރިއަށްގެންދާ ފެނުގެ ބޮޑު މަޝްރޫއުއަކީ ދަޢުލަތުގެ ބަޖެޓުން 50.8 މިލިޔަން ރުފިޔާ ޚަރދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިމަސައްކަތްކުރުމަށް އެ ކުންފުންޏާ ޙަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.