ދުނިޔޭގެ ވިޔަފާރި

ސްރީލަންކާގައި އިޤްޠީޞާދީ އިމަރޖެންސީ އިޢުލާނު ކޮށްފި


ފައިސާގެ އަގު ދަށްވުމާއެކު ކާބޯތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން ސްރީލަންކާގައި އިޤްޠިޞާދީ އިމަރޖެންސީ އިޢުލާނުކޮށްފިއެވެ.

މިގޮތުން އިޤްޠިޞާދީ އިމަރޖެންސީ އިޢުލާނުކޮށްފައިމިވަނީ ހަކުރު، ފިޔާ އަދި އަލުވީ ފަދަ ކާބޯތަކެތީގެ އަގުތައް އުފުލުމާއި ގުޅިގެންނެވެ. މީގެއިތުރުން ހިކިކިރާއި ކަރާސީން އަދި ގޭހުގެ ސްޓޮކްވެސް ވަނީ ދަށްވެފައެވެ.

ކާބޯތަކެތީގެ އަގު އުފުލުމާއިގުޅިގެން ހަނޑޫ ހަކުރު ފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ކާބޯތެތި ފޯރުކޮށްދިނުމުގެ ކޮންޓްރޯލް ސްރީލަންކާގެ އޮތޯރިޓީތަކުން ނަގާނެ ކަމަށާ، އަދި އިންފްލޭޝަން މައްޗަށް ދިޔަނުދިނުމުގެގޮތުން އެ ތަކެތީގެ އަގުތައް ވެސް ކޮންޓްރޯލް ކުރާނެކަމަށް އޮތޯރިޓީތަކުން ވިދާޅުވެއެވެ.

މިއާއިއެކު ކާބޯތަކެތި ގިނަ ޢަދަދަކަށް ގަނެ ރައްކާތެރިކުރާ ވިޔަފާރިވެރިންނާއި ޢާންމު ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ބާރާއެކު މިކަންކަން ބެލެހެއްޓުން ކުރީގެ ސިފައިންގެ އޮފިސަރަކާ ވަނީ ޙަވާލުކޮށްފައެވެ.

މީގެއިތުރުން ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ކާބޯތަކެތީ ގިނަ ޢަދަދަކަށް ގަތުމަށްފަހު ސަރުކާރުން ކޮންޓްރޯލް ކޮށްފައިވާ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދޭނެކަމަށް މިކަމާއިގުޅިގެން ސްރީލަންކާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި އެ ޤައުމުގެ ރައީސް ގޮތަބަޔަ ރާޖަޕަކްސް ވަނީ ވިދާޅުވެފައެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ޒަރޫރީ ކާބޯތަކެތީގެ ގިނަ ބާވަތްތަކެއްގެ އަގުތައް އުފުލުމުގެ މައިގަނޑު ސަބަބަކީ ބޭރުފައިސާ ގަންނަން ލިބޭ ރޭޓް މަތިވުން ކަމުގައި ސްރީލަންކާގެ ޑިޕާރޓްމަންޓް އޮފް ސެންސަސް އެންޑް ސްޓެޓިސްކްސް އިން ވަނީ ވިދާޅުވެފައެވެ. އަދި ކާބޯތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން އޯގަސްޓްމަހުގެ އިންފްލޭޝަންވެސް ވަނީ %6އަށް އިތުރުވެފައެވެ.

މީގެއިތުރުން ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ސްރީލަންކާއަށް ބޭރު ފައިސާ ވަންނަ މައިގަނޑު އެއް ސިނާއަތްތަކަމަށްވާ ފަތުރުވެރިކަމަށްވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. މިއާއެކު އެ ޤައުމުގެ އިޤްޠިޞާދު މިދިޔަ އަހަރު ވަނީ %3.6އަށް ހީނަރުވެފައެވެ.

ބޭރުފައިސާ ބޭރުކުރުން މަދުކުރުމުގެގޮތުން ލަންކާއަށް ވެހިކަލް އެތެރެކުރުންވެސް ސަރުކާރުންވަނީ މިދިޔަ މާރޗް މަހު މަނާކޮށްފައެވެ. ސްރީލަންކާގެ ފައިސާ، ރުޕީސްގެ އަގު ވަނީ އެމެރިކާ ޑޮލަރާއި އަޅާބަލާއިރު %7.5އަށް ވެއްޓިފައެވެ.

ކާބޯތަކެތީގެ އަގުތައް އުފުލުމުގެ އިތުރުން ކޯވިޑްގެ ކޭސްތައް އިތުރުވަމުން ދިއުމާ ގުޅިގެން ލަންކާ މިހާރު ވަނީ 16 ދުވަހުގެ މުއްދަތަށް ފުރަބަންދުކޮށްފައެވެ.