ޚަބަރު

ފައިރޫޝް ރިޓަޔަރކުރެއްވި މައްސަލަ ކޮމެޓީން ނިންމައި ތަޅުމަށް


އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ.ޢަބްދުﷲ ފައިރޫޝް ރިޓަޔަރ ކުރެއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީ (241) ކޮމެޓީން ދިރާސާކޮށް ނިންމުމަށްފަހު ތަޅުމަށް ފޮނުވައިފިއެވެ.

ކޮމެޓީން ބަލާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު އެކުލަވާލައި ތަޞްދީޤު ކޮށްފައިވަނިކޮށް، އަދި އެ ޤާނޫނަށް ޢަމަލުކުރަން ނުފެށި ވަނިކޮށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާތީ، އެމައްސަލަ ބައްލަވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހެޅުއްވި މައްސަލައެކެވެ.

މިމައްސަލަގާއި ކޮމެޓީންވަނީ ހޯމް މިނިސްޓަރާއި ފުލުނުންގެ އިސްވެރިންނާއި އަދި ކަމާގުޅުންހުރި އެހެން ބޭފުޅުންނާވެސް ބައްދަލުކޮށް 2 ކަމެއް ރިޕޯޓުގައި ހުށަހަޅާފައެވެ.

އެގޮތުން މި މައްސަލާގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ތުހުމަތުތަކަކީ ޢާންމު އިޖުތިމާޢީ މިންގަނޑުތަކުން ބަލާއިރު ބޮޑެތި ތުހުމަތުތަކެއް ކަމަށްވާތީ، ކުރިއަށް އޮތް ތަނުގައި އެފަދަ ތުހުމަތުތަކެއް ކުރެވިފައިވާ ފަރާތެއް މަޤާމުން ރިޓަޔަރ ކުރުމަށް އެދުމުން، އެފަދަ ފަރާތެއް ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރުމުގައި އެތުހުމަތުތަކަށް ރިޢާޔަތްކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި ދެންނެވުމަށް ފެންނަކަމަށް ވަނީ އެދިފައެވެ.

އަދި ކުރިއަށް އޮތްތަނުގައި މި ބާވަތުގެ މައްސަލައެއް ތަކުރާރުވިޔަ ނުދިނުމަށާއި އެކަމުގައި ޢަމަލުކުރެވޭނެ ގޮތް ހަރުދަނާކުރުމަށްޓަކައި ޢަމަލުކުރާނެ ގޮތުގެ އުޞޫލެއް ނުވަތަ ޤަވާޢިދެއް ހަދައި އެ ޤަވާޢިދަށް ޢަމަލުކުރަމުން ގެންދިއުމަށާ، އެ ޤަވާޢިދު ތައްޔާރުކޮށް ނިންމުމުން އެކަން ކޮމިޓީއަށް ހުށަހެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި ދެންނެވުމަށްވެސް ރިޕޯޓުގައި ވަނީ ކަނޑައަޅާފައެވެ.

މޯލްޑިވިސް ޕޮލިސް ސަރވިސްގެ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި، ޑރ.ޢަބްދުﷲ ފައިރޫޝް ރިޓަޔަރ ކުރައްވާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 2ވަނަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތުން ޑރ.ފައިރޫޒް ރިޓަޔަރކުރެއްވިއިރު އޭނާ ހުންނެވީ ފުލުހުންގެ ހެޑް އޮފް ރިސޯސް މެނޭޖްމެންޓްގެ މަޤާމުގައެވެ. މިއީ ފުލުހުންގެ ފައިނޭންސާއި އިންސާނީ ވަސީލަތްތަކާއި އިންޖިނިއަރިން އަދި މެކޭނިކަލް ސާވިސް ހިމެނޭ ޑިޕާޓްމެންޓެވެ.

ފައިރޫޝްއަކީ އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީން ލޯ އެންފޯސްމަންޓް އިންޓެލިޖެންސްއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ފުލުހުންގެ ޚިދުމަތާ 1998ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 12ވަނަ ދުވަހު ގުޅިވަޑައިގަތް ފައިރޫޝް ވަނީ 20 އަހަރާއި 1 މަސްދުވަސް ޚިދުމަތުގައި ހޭދަކުރައްވާފައެވެ. ފުލުުހުންނަށް ދޭ 9 ކުލައަކާއި 6 މެޑަލް ފައިރޫޝް ހާސިލްކުރައްވާފައިވާއިރު، އޭނާ ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ތަފާތު އެކި ތަމްރީންތައް ފުރިހަމަކުރައްވާފައެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަސްދީގު ކުރައްވާފައިވަނީ މިދިޔަ މާޗު މަހުގެ 27ވަނަ ދުވަހުއެވެ. އެ ޤާނޫނުގެ 112ވަނަ މާއްދާގައިވާގޮތުން ފުލުހެއްގެ މަޤާމުގައި ހުރެ ކުރި ކަމެއްގެ ސަބަބުން އެޅިދާނެ ތައުދީބީ ފިޔަވަޅަކުން ސަލާމަތްވުމަށްޓަކައި، ފުލުހުންގެ ޚިދުމަތުން ވަކިވާ މީހާ ފިޔަވައި ފުލުހުންގެ ވަޒީފާއިން އަމިއްލަ އިޙްތިޔާރުގައި އެއްވެސް ތައުދީބީ މައްސަލައެއް އުފުލާފައި ނެތް ހާލަތުގައި ނުވަތަ އެފަދަ މައްސަލައެއް ހުށަހެޅިދާނެ ޙާލަތެއް އުފެދިފައި ނެތީސް ވަކިވާ މީހުންނަކީ ޝަރަފުވެރިކަމާއެކު ފުލުހުންގެ ވަޒީފާއިން ވަކީވާ މީހުންނެވެ.

މި ޤާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އެ ޤާނޫނު ގެޒެޓުގައި ޝާއިއުކުރާތާ 3 މަސްވުމުންނެވެ.