ޚަބަރު

ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރުމަށް ޤާނޫނު އަސާސީއަށް އިޞްލާޙު ހުށަހަޅައިފި


ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލާފައިވާގޮތް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަހުބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ތާރިޤު މަޖިލީހަށް އިސްލާޙު ހުށަހަޅުއްވައިފިއެވެ.

މިއީ ޖޭއެސްސީ އެތުރިފައިވާ ގޮތް ބަދަލު ކުރުމަށް ޠާރިޤު ހުށަހެޅުއްވި ދެވަނަ ފަހަރެވެ. މިއިސްލާހު ދެވަނަ ފަހަރަށް ހުށަހެޅުއްވި މައިގަނޑު ސަބަބަކީވެސް ޤާނޫނު އަސާސީ އިޞްލާހުކޮށް، ޖޭއެސްސީގެ އެތުރިފައިވާ ގޮތް ބަދަލުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހޭކަމެއްކަމަށް ދެކޭތީކަމުގައި އޭނާ ވިދަޅުވިއެވެ. އަދި އެކަން ފަސްކުރެވެން ނެތްކަމަށް ދެކެވަޑައިގަންނަވާތީ ޤާނޫނު އަސާސީ އިޞްލާހުކުރުމަށް މަޖިލީހަށް އިޞްލާހު ހުށައެޅުއްވީކަމަށްވެސް ޠާރިޤް ވިދާޅުވިއެވެ.

ޖޭއެސްސީ ގައި ހިމަނަން ޠާރިޤި ހުށަހެޅުއްވި މެމްބަރުންނަކީ އުއްތަމަފަނޑިޔާރާއި ހައި ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރަކާއި ދަށު ކޯޓްތަކުން އިންތިޚާބުކުރާ ފަނޑިޔާރަކާއި ޤާނޫނީ ވަކީލުން އިންތިޚާބުކުރާ ވަކީލަކާއި ޔުނިވާސިޓީތަކުގައި ޝަރީއާ ކިޔަވައިދެއްވާ ލެކްޗަރާއިންގެ ތެރެއިން އިންތިޚާބުކުރާ ބޭފުޅަކާއި ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައި ރައްޔިތުންގެ މަޖިލީހުން ރުހުންދޭ ތަޖުރިބާކާރު ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު އެތުރިފައި އޮތް ގޮތަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދުފުޅެއް ކަމަށާ، މި ސަރުކާރުގެ މަޤުސަދަކީ، އެކަށީގެންވާ ރަގަޅު ދިރަސާތަކެއް ކުރުމަށްފަހު އޭގެ މައްޗަށް އެ ކޮމިޝަން އެތުރިފައިވާ ގޮތް ބަދަލުކުރުން ކަމަށެވެ.

ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރާނަމަ ގާނޫނުއަސާސީ އިސްލާހުކުރަންޖެހޭނެއެވެ. ގާނޫނުއަސާސީއަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުންނެވެ.