ޚަބަރު

ކެފޭ އުސޫލުން ޑްރަގުގެ ވިޔަފާރިކުރި ގެއްގެ ވެރިއެއްގެ މައްޗަށް ފުރަތަމަ ފަހަރަށް ދަޢުވާކޮށްފި


މާލޭގައި "ޑްރަގު ކެފޭ"ތައް ހިންގާ ގެތަކުގެ ތެރެއިން ގެއެއްގެ ވެރިފަރާތުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މިއަދު ދަޢުވާ އުފުލައިފިއެވެ.

މިއީ ކެފޭ އުސޫލުން މާލޭގައި މަސްތުވާތަކެތި ވިއްކާ މައްސަލާގައި މަސްތުވާތަކެތީގެ ޤާނޫނުގެ ދަށުން ގޭގެ ވެރިފަރާތުގެ މައްޗަށް ދަޢުވާކުރި ފުރަތަމަ ފަހަރެވެ.

މާލޭގައި ކެފޭ އުސޫލުން ޑްރަގުގެ ވިޔަފާރި ކުރަމުންދިޔަ ގެތަކުގެ ތެރެއިން 3 ގެއެއްގެ ވެރިފަރާތުގެ މައްޗަށް ދަޢުވާ ކުރުމަށް ފުލުހުން ޕީޖީއަށް ފޮނުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. މީގެ ތެރެއިން ދައުވާ ކުރުމަށް ފޮނުވާފައިވަނީ މ.ބްރައިޓްފްލަވަރ ގޭގެ ވެރިފަރާތް ކަމުގައިވާ ޙުސައިން ޔޫސުފްގެ މައްޗަށެވެ.

ޕީޖީ ހުސެއިން ޝަމީމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދައުވާ ކުރުމަށް ފޮނުވާފައިވަނީ އެކަން ހުއްޓުވުމަށް އެންގުމުންވެސް ހުއްޓުވާފައިނުވާތީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ (ށ)ގެ ދަށުން، އެގޭ ވެރިމީހާގެ މައްޗަށް ކަމުގައެވެ.

މާލޭގެ ބައެއް ގޭގޭގައި ހިންގަމުންދިޔަ ޑްރަގުގެ ވިޔަފާރިތަކާއި ގުޅިގެން ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވަނީ މިދުޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި އޮޕަރޭޝަންގައި 23 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. މިތަންނުން 768 މީހަކު ވަނީ ބަލާ ފާސްކޮށްފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 720 ފިރިހެނުންނާއި، 37 އަންހެނުން އަދި 18 އަހަރުން ދަށުގެ 11 ކުޑަކުދިންނެވެ. އަދި މި އޮޕަރޭޝަންގައި 51 އަހަރުން މަތީގެ 23 މީހުންނާއި 57 ބިދޭސީންވެސް ބަލާ ފާސްކުރި މީހުންގެ ތެރޭގައި ހިމެނެއެވެ.

މިތަން ތަނުން ފަސްދޮޅަސް ނުވަހާސް ފަސްސަތޭކަ ރުފިޔާވެސް ވަނީ އަތުލައިގެންފައެވެ. މީގެއިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގިނަ ޢަދަދެއްގެ އެއްޗެހިވެސް އެތަންތަނުން ފުލުހުން ހޯދިއެވެ.