ޚަބަރު

އަދަދުތައް މައްޗަށް، މިއަދުވެސް 179 މީހަކު ކޯވިޑަށް ޕޮޒިޓިވް


ރާއްޖެއިން ކޯވިޑް19އަށް އިތުރު 179 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނައީ އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވި މީހުންކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެޗްޕީއޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 179 މީހަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 42 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި 120 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވީ 17 މީހެކެވެ.

މިހަފްތާ ތެރޭގައި ރައްޖެއިން ކޯވިޑްއަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މައްޗަށް ދާން ފަށާފައިވާއިރު މާލެ ސަރަހައްދުންވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ޖޫން މަހުގެ 23 އިން ފެށިގެން މިހާތަނަށް އައިއިރު އެވްރެޖްކޮށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު ހުރީ 20އާއި 35އާއި ދެމެދުގައެވެ.

އަލަށް ޕޮޒިޓިވްވީ މީހުންނާއެކު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދުވަނީ 1966އަށް އަރާފައެވެ. މީގެތެރެއިން 25 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގައެވެ. މިއާއެކު މިބައްޔަށް ހުށައެޅުނު މީހުންގެ ޖުމްލަ ޢަދަދުވަނީ 81،653 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 108 މީހަކު ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން އެއްކޮށް ރަނގަޅުވީ މީހުންގެ ޢަދަދުވަނީ 79،448އަށް އަރާފައެވެ. ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވަނީ 5120 މީހަކު ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަށް 226 މީހަކުވަނީ ނިޔާވެފައެވެ.