ދުނިޔޭގެ ވިޔަފާރި

ސައްޚަ ނޫން މަޢުލޫމާތު ޢާންމުކުރުމުން އެމެރިކާއިން ކްރާފްޓް ހެއިންޒް ޖޫރިމަނާކޮށްފި


ހިސާބުތައް އޮޅުވާލައި ކުންފުނީގެ ސައްޚަ ނޫން މާލީ މަޢުލޫމާތު ޢާންމުކުރުމާއި ގުޅިގެން އެމެރިކާއިން އެޤައުމުގެ ކާނާ އުފައްދާ ކުންފުނި ކްރާފްޓް ހެއިންޒް 62 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކޮށްފިއެވެ.

އެގޮތުން ފިލަޑެލްފިއާ ކްރީމް ޗީޒް އަދި ގްރޭ ޕޮޕަން މަސްޓަޑް އުފެއްދުމަށް ދާ ޚަރަދާއި ގުޅިގެން ސައްޚަނޫން މަޢުލޫމާތުތަކެއް 2015 އާއި 2018 އާއި ދެމެދު ޢާންމުކޮށްފައިވުމުގެ ސަބަބުން އެމެރިކާގެ ސެކިއުރިޓީޒް އެންޑް އެކްސޭންޖް ކޮމިޝަން (އެސްއީސީ) އިން ވަނީ ހެއިންޒް ކުންފުންޏާއި ކުންފުނީގެ ކުރީގެ އިސް ދެ ވެރިންވެސް ޖޫރިމަނާ ކޮށްފައިކަމަށް އެސްއީސީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ބުނެފައެވެ.

އެގޮތުން ޖޫރިމަނާކޮށްފައިވަނީ ކުންފުނީގެ ކުރީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އެޑްވާޑޯ އަދި ކުރީގެ ޗީފް ޕްރޮކިއުމެންޓް އޮފިސަރ ކްލައުސް ހޮފްމޭން އެވެ. މިއާއެކު ސިވިލް ޕެނަލްޓީގެ ގޮތުގައި 300000 އެމެރިކާ ޑޮލަރު ދެއްކުމަށް އެޑްވާޑޯ އެއްބަސްވެފައިވާއިރު ސިވިލް ޕެނަލްޓީގެ ގޮތުގައި 100000 އެމެރިކާ ޑޮލަރު ދައްކަން ކްލައުސްވެސް ވަނީ އެއްބަސްވެފައެވެ. އަދި ފަސް އަހަރު ވަންދެން ސަރުކާރުގެ ކުންފުންޏެއްގެ ޑިރެކްޓަރެއް ނުވަތަ އޮފިސަރެއްގެ މަޤާމުގައި ޚިދުމަތް ކުރުންވެސް މި ދެމީހުންނަށް މަނާވާނެއެވެ.

އިންވެސްޓަރުން ބޭނުންވަނީ ކުންފުނިތަކުގެ ފޯރުކޮށްދޭ މަޢުލޫމާތު %100 ސައްޚަ ވާން ކަމަށާއި އަދި ޚާއްޞަކޮށް މާލީ ކަންކަމާއި ގުޅޭ ހުރިހާ މައުލޫމާތެއް ސައްޚަވާން ޖެހޭނެކަމަށް އެސްއީސީ ގެ ޑިރެކްޓަރ ވިދާޅުވިއެވެ. އަދި މިފަދަ ކަންކަމަށް އިޙުމާލު ވެއްޖެނަމަ ކުންފުނިތައް ޖަވާބުދާރީ ކުރުވާނެކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ކުންފުނީގެ ޕްރޮކިޔުމެންޓްގައި އުޅޭ މުވައްޒަފުން ވަނީ ސަޕްލައި ކުރާ ބައެއް ފަރާތްތަކާއެކު އެއްބަސްވުން ޤާއިމުކޮށް ބޮޑެތި ޑިސްކައުންޓްތައް ވެސް ހޯދާފައިކަމަށް އެސްއީސީ އިން ވަނީ ތުޙުމަތުކޮށްފައެވެ. ނަމަވެސް ކްރާފްޓްގެ މުވައްޒަފުންވަނީ މި ތުޙުމަތުތައް ދޮގު ކޮށްފައެވެ. މިކަމާއިގުޅިގެން ކްރާފްޓުން ވަނީ ގިނަ މާލީ ރިޕޯޓްތަކެއް އަލުން މުރާޖައާވެސް ކޮށްފައެވެ.