ދުނިޔޭގެ ވިޔަފާރި

ސިންގަޕޫރުގެ ރީޓެއިލް ވިޔަފާރި މައްޗަށް ހިގައްޖެ


ކޯވިޑްގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް މިދިޔަ އަހަރު ޖޫންމަހުންފެށިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ސިންގަޕޫރުގެ ރީޓެއިލް ވިޔަފާރި 0.2 އިންސައްތައަށް އިތުރުވެއްޖެއެވެ. ނަމަވެސް ވިޔަފާރި އިތުރުވަމުންދަނީ މަޑު ދުވެލީގައެވެ.

މިގޮތުން ކޯވިޑްގެ ބަލިމަޑުކަމާހެދި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ޖުލައި މަހުގެ ރީޓެއިލް ވިޔަފާރި ކުރިއަރާފައިވަނީ ޖޫން މަހުގެ ރީޓެއިލް ވިޔަފާރި ކުރިއަރާފައިވާ ވަރަށްވުރެ ލަސް ދުވެއްޔެއްގައެވެ. މީގެއިތުރުން މޮޓޯ ވެހިކަލްގެ ވިޔަފާރި ނުހިމަނައި ޖުލައިމަހުގެ ރީޓެއިލް ވިޔަފާރި %0.2އަށް އިތުރުވެފައިވާކަމަށް ސިންގަޕޫރުގެ ޑިޕާޓްމަންޓް އޮފް ސްޓެޓިސްޓިކްއިން މަޢުލޫމާތުދެއްވައެވެ. ނަމަވެސް މިއީ ޖޫންމަހު އިތުރުވެފައިވާ %19.2އަށްވުރެ ދަށް ޢަދަދެކެވެ.

މިއާއިއެކު ޕެޓްރޯލް ސްޓޭޝަންތަކާއި، އަތުކުރީގަޑިއާއި ގަހަނާއަށް އޮތް ޑިމާންޑް އުފުލުމާއެކު މިތަކެތީގެ ވިޔަފާރި އިތުރުވެފައިވާކަމަށްވެސް އެފަރާތުން މަޢުލޫމާތުދެއްވައެވެ.

ޕެޓްރޯލްގެ ޚިދުމަތްދޭ ސްޓޭޝަންތަކުގެ ވިޔަފާރި %35.5އަށް އިތުރުވެފައިވާއިރު އަތުކުރީގަޑިއާއި ގަހަނާގެ ވިޔަފާރިވަނީ %10.4އަށް އިތުރުވެފައެވެ. މިއާއިއެކު ކާނާގެ ވިޔަފާރި %8.1އަށް ވަނީ އިތުރުވެފައެވެ. ކޮމްޕިޔުޓަރ އަދި ޓެލެކޮމިޔުނިކޭޝަން އާލާތްތައް ބޭނުންކުރާ ސިނާޢަތްތަކުގެ ވިޔަފާރިވެސް ވަނީ %4.2އަށް އިތުރުވެފައެވެ.

ނަމަވެސް މިދިޔައަހަރާ އަޅާ ބަލާއިރު މޮޓޯ ވެހިކަލްގެ ވިޔަފާރިވަނީ %9.8އަށް ދަށްވެފައެވެ. ސިންގަޕޫރުގެ ޖުލައި މަހުގެ މުޅިޖުމްލަ ރީޓެއިލް ވިޔަފާރި 3.4 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ވަނީ ލަފާކޮށްފައެވެ. ޖޫންމަހުގެ އޮންލައިން ވިޔަފާރިއަށް ލިބުނު %15.4އާ އަޅާބަލާއިރު ޖުލައިމަހުގެ އޮންލައިން ވިޔަފާރިވަނީ %13.9ގައެވެ.