ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުން ބޭރުގައި ކުރާ ބައެއްބާވަތްތަކުގެ މަސްވެރިކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް ނޭދެވޭ އަސަރު ކުރާކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ފްރާންސްގެ މާރސޭ ގައި ކުރިއަށްދާ އައި.ޔޫ.ސީ.އެން ވާރލްޑް ކޮންޒަރވޭޝަން ކޮންގްރެސްގެ ހައި ލެވެލް ޑައިލޮގް ގައި ވާރޗުއަލްކޮށް ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޝައުނާ ވަނީ ކަނޑުތައް ޙިމާޔަތްކޮށް އެތަންތަން ބެލެހެއްޓުމަކީ އެންމެނަށްވެސް އޭގެ ފައިދާ ކުރާނެކަމެއްކަން ފާހަގަކުރައްވާފައެވެ.
ދުނިޔޭގެ ކަނޑުގެ %30 ހިމާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި މިނިސްޓަރ ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ރާއްޖެފަދަ ކަނޑުގެ ސަރަހައްދުބޮޑު ޤައުމުތަކުން ކަނޑުގެ ވަސީލަތްތަކަށް ބަރޯސާވާ އިގްތިސާދުތަކަށް، ކަނޑުތަކާއި، ކަނޑުތަކުގައި ދިރުންތައް ރައްކާތެރިކޮށް ޙިމާޔަތް ކުރުމަކީ މުހިންމުކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކެއުމަށް ބޭނުންކުރާ މަހުގެ ބާވަތްތަކުގެ ސްޓޮކް މަދުވަމުންދިއުމާއި، ކުނީގެ ސަބަބުން ކަނޑުތައް ތަޣައްޔަރުވަމުން ދިއުމާއިމެދު މިނިސްޓަރ ޝައުނާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. މިނިސްޓަރ ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހއްދުގެ %20 ހިމާޔަތްކުރުމަކީ މި ސަރުކާރުގެ ސިޔާސަތުކަން ފާހަގަކުރައްވަމުން، މިކަމަކީ ވަކި ވަކި ގައުމުތަކުން އެކަނި ކުރެވޭވަރަށްވުރެ ބޮޑުކަމެއް ކަމާއި، ހުރިހާ ގައުމެއްގެ އެއްބާރުލުން މި ކަމުގައި ބޭނުންވާނެކަން ފާހަގަ ކުރެއްވިއެވެ.
ދިވެހިރާއްޖެއަކީ މަސްވެރިކަމުގައި ތިމާވެއްޓާ ރައްޓެހިގޮތްތައް ބޭނުންކުރާ ޤައުމެއްނަމަވެސް، ދިވެހިރާއްޖޭގެ ބޯޑަރުން ބޭރުގައި ކުރާ ބައެއްބާވަތްތަކުގެ މަސްވެރިކަމުގެ ސަބަބުން އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންވެސް މަސްވެރިކަމަށް ބަރޯސާވާ ދިވެހިރާއްޖެފަދަ ޤައުމުތަކަށް ނޭދެވޭ އަސަރު ކުރާނެކަން މިނިސްޓަރަ ފާހަގަކުރެއްވިއެވެ. އެހެންކަމުން، އދ.ގެ "ބަޔޯޑައިވާސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން"ގެދަށުން 2030 އަންނަންވާއިރަށް ދުނިޔޭގެ ކަނޑުގެ ސަރަހައްދުގެ %30 ހިމާޔަތްކުރުމަށް ހުރިހާ ޤައުމުތަކުންވެސް މަސައްކަތްކުރުމަށް މިނިސްޓަރ ޝައުނާ ގޮވާލެއްވިއެވެ.