ޚަބަރު

ދެވަނަ ފިޔަވައްސަށް ބަހުގެ ޚިދުމަތް މިމަހުގެ މެދުތެރޭ ފަށާނެ: އެޗްޑީސީ


ހުޅުމާލެ ދެވަނަ ފިޔަވައްސައް މިމަހުގެ ތެރޭގައި ބަހުގެ ޚިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ. ދެވަނަ ފިޔަވަހީގައި ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ފަށަންވާއިރަށް ބަސް ސްޓޮޕްތައް ޤާއިމްކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހެއިލް އަހްމަދު ވިދާޅުވީ ބަސް ދަތުރުތައް ފަށަންވާއިރަށް ބަސް ސްޓޮޕްތައް ތަރައްޤީކޮށް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ހިޔާ ފްލެޓްތަކާ ކައިރި ސަރަޙައްދެއްގައި 2 ބަސް ސްޓޮޕް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އެތަންތައް ތަރައްޤީ ކުރަނީ ގިނަ މީހުންނަށް އެއްފަހަރާ ތިބެވޭނެގޮތަށް ކަމަށް ސުހައިލް ވިދާޅުވިއެވެ. ސުހައިލް ވިދާޅުވީ އާއްމު ދަތުރުފަތުރުގެ ޚިދުމަތާއި ސްކޫލް ދަރިވަރުންނަށްވެސް ބަހުގެ ޚިދުމަތްތައް މިމަހުގެ މެދުތެރޭގައި ފެށުމަށް ނިންމާފައިވާކަމަށެވެ.

ބަސް ސްޓޮޕްތައް ހެދުމުގެ މަސައްކަތު %92 މިހާރުވަނީ މުޅިން ނިމިފައެވެ. ބަސް ސްޓޮޕްތަކުގައި މިހާރު ކުރަމުންދަނީ ކަރަންޓު ގުޅުމާއި ފިނިޝިން މަސައްކަތްތަކެވެ. އެޗްޑީސީން ބުނީ މިމަހުގެ މެދުތެރެއާ ހަމައަށް، ބަސް ސްޓޮޕްތަކުން ޚިދުމަތް ފެށޭވަރަށް ބަސް ސްޓޮޕްތަކުގެ މަސައްކަތް ނިމޭނެކަމަށެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބަސް ދަތުރުތައްވެސް ގުޅޭނީ މިހާރު ދެމުންދާ ބަސް ދަތުރުތަކުގެ ޚިދުމަތާ އެކުއެކީގައި ކަމަށްވެސް އެޗްޑީސީން މައުލޫމާތުދެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވައްސައް މިމަހުގެ މެދުތެރޭގައި ބަހުގެ ޚިދުމަތް ފަށަން ތައްޔާރުވަމުން އަންނައިރު ހިޔާ ފްލެޓްތަކަށް މިހާރު ވަނީ މީހުން ބަދަލުވާން ފަށާފައެވެ. ހިޔާ ފްލެޓަށް ގިނަ އަދަދެއްގެ ކިޔަވާ ކުދިން ބަދަލުވާއިރު އެދަރިވަރުން ސްކޫލަށް ގެންދިޔުމަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިދެމެދުގެ ދަތުރުތަކަށް އެދޭ ކުދިންނަށް އެކަމަށް އެދި ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައެވެ. ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ފުރަތަމަ ފިޔަވައްސަށާއި ފުރަތަމަ ފިޔަވަހިން މާލެ އަށް އަދި މާލެ އިން ހުޅުމާލޭގެ ސްކޫލުތަކަށް ދާން ޖެހޭ ދަރިވަރުންނަށް ވެސް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. ނަމަވެސް އެއީ އަމިއްލަ މީހުން ހަދާފައިވާ މަދު ގެތަކުގައެވެ. ހުޅުމާލޭ ދެވަނަ ފިޔަވައްސަށް އަންނަ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ ހިޔާ ހައުސިން މަޝްރޫޢެވެ.

މިހާރު މި ފްލެޓްތައް ގޭގެ ވެރިންނާ ހަވާލުކޮށްފައިވާއިރު، މިހާރު ކުރަމުންދަނީ އާއިލާތަކުން ފްލެޓަށް ބަދަލުވުމަށް ކުރަންޖެހޭ ފަހުގެ މަސައްކަތްތަކެވެ. ހިޔާ ފްލެޓްތަކުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ޑިސެމްބަރު މަހާ ހަމައަށް މުއްދަތުވަނީ ދީފައެވެ. ކުރިއަށް އޮތް ދެތިން މަސްތެރޭ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޮޑު އާބާދީއެއް ދިރިއުޅުން ބަދަލުކުރާނެއެވެ. ހިޔާ މަޝްރޫޢާއެކު ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ސާޅީސް ހާހެއްހާ މީހުން ބަދަލުވާނެކަމަށް ބެލެވެއެވެ.