ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ "ހިޔާ " މަޝްރޫއުގެ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް 5000އަށް ވުރެ ގިނަ މީހުން އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާފައިވަނީ މިިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވީ ހިޔާ ފްލެޓްތައް ލިބުނު 5596 މީހުންގެ ތެރެއިން މިހާތަނަށް 5483 މީހަކު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ. އެއީ ހައުސިން މިނިސްޓްރީން ފޮނުވާފައިވާ ލިސްޓްގެ 85 އިންސައްތަ މީހުން ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވިއެވެ. ސުހައިލް ވިދާޅުވީ ފްލެޓް އެއްބަސްވުންތަކުގައި މިހާތަނަށް ސޮއި ނުކުރާމީހުން އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވަކި މުއްދަތެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހިޔާ ފްލެޓް ލިބުނު މީހުންގެ ތެރެއިން ފްލެޓް ބަދަލުކުރުމަށް ހުޅުވާލެވުނު ފުރުސަތުގައި ފްލެޓް ބަދަލުކުރުމަށް 400 މިހަކު އެދިފައިވާ ކަމަށާއި އެމީހުންގެ އެއްބަސްވުންތަކުގައި ސޮއިކުރުން ލަސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން 250 މީހަކު ވިނަރެސް ފްލެޓަށް ބަދަލުވުމަށް ނަންނޯޓު ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހިޔާ ފްލެޓްތަކަށް މިހާރު ވަނީ ކަރަންޓު ގުޅާ ނިންމާފައެވެ. އަދި މިވަގުތު ފްލެޓްތަކުގެ ވެރިފަރާތްތަކުން އަންނަނީ ފިނިޝިންގެ މަސައްކަތްތައް ކުރަމުންނެވެ. އަދި މީގެ ތެރެއިން އެއްބަޔަކު މިހާރު ވަނީ އެތަނަށް ދިރިއުޅުންވެސް ބަދަލުކޮށްފައެވެ. ސަރުކާރުން ނިންމާފައިވަނީ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތްތައް ކުރުމަށް 4 މަހުގެ މުއްދަތެއް ދިނުމަށްފަހު ކުލި ނެގުމަށެވެ. ހިޔާ ފްލެޓްގެ ކޮންމެ އެޕާޓްމެންޓެއްގެ ކުލީގެގޮތުގައި ނަގަން ސަރުކާރުން ނިންމާފައިވަނީ މަހު ކުލީގެ ގޮތުގައި 7500 ރުފިޔާ އަދި މެއިންޓަނެސް ފީގެ ގޮތުގައި ނަގާ 1000 ރުފިޔާ ހިމެނޭހެން ޖުމްލަ 8500 ރުފިޔާއެވެ.
2017 ވަނަ އަހަރު ތަރައްޤީ ކުރަން ފެށި ހިޔާ ފްލެޓަކީ 25 ބުރީގެ 16 ޓަވަރެވެ. މަސައްކަތް ފެށިއިރު 7000 ހައުސިންގ ޔުނިޓު އަޅާގޮތަށް އޮތްނަމަވެސް ކޮމާޝަލް ބޭނުންތަކަށާއި ޒަރޫރީ ޚިދުމަތްތައް ދިނުމަށާއި ޕާކިންގ ސްޕޭސްއަށް ޖާގަ ދޫކުރުމަށްފަހު ފްލެޓުގެ ޢަދަދުވަނީ 6720 އެޕާޓްމަންޓަށް މަދުކޮށްފައެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ދަނީ ފްލެޓްތަކަށް މީހުން ބަދަލުވާންވާއިރަށް އެ ސަރަޙައްދުން ލިބެންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން ފްލެޓްތަކުގެ ގްރައުންޑް ފްލޯއިން ވިޔަފާރި ކުރުމަށް ތަންދޫކުރުމާއި ފާމަސީ ފަދަ ތަންތަން ހެދުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.