ދުނިޔޭގެ ވިޔަފާރި

ކޯވިޑް ފިޔަވަޅުތަކަށް ލުއި ދިނުމާއެކު ދެކުނު އެފްރިކާގެ އިޤްޠިޞާދަށް ކުރިއެރުން


ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު ދެކުނު އެފްރިކާގެ އިޤްޠިޞާދު އަހަރުގެ ދެވަނަ ކުއާޓަރުގައި ކުރިއަށް ޖެހިލައިފިއެވެ.

މިގޮތުން ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި ދެކުނު އެފްރިކާގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) %1.2އަށް އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މިއީ ބްލޫމާޖްގެ އިޤްޠިޞާދީ މާހިރުން ލަފާކޮށްފައިވާ %0.9އަށްވުރެ އިތުރު ޢަދަދެކެވެ.

މިއާއެކު މުޅި އަހަރުގެ އިޤްޠިޞާދު ވަނީ %19.3އަށް އާރާސްތުވެފައެވެ. އަދި މިއީ ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާހެދި މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެޤައުމުގެ އިޤްޠިޞާދު ހީނަރުވުމަށްފަހު އަލުން އާރާސްތުވެފައިވާ މިންވަރެވެ. ނަމަވެސް ބްލޫމާޖްގެ 14 އިޤްޠިޞާދީ މާހިރުން ލަފާކޮށްފައިވާގޮތުގައި ދެކުނު އެފްރިކާގެ އިޤްޠިޞާދު އާރާސްތުވާނީ %17.8އަށެވެ.

މީގެއިތުރުން ދަތުރުފަތުރުކުރުމާއި މުޢާސަލާތީ މަސައްކަތްތައް %6.9އަށް އިތުރުވެފައެވެ. އަދި ދަނޑުވެރިކަން ވަނީ %6.2އަށް އިތުރުވެފައެވެ. ވިޔަފާރީގެ ދާއިރާ %2.2އަށް ކުރިއަރާފައިވާއިރު މައިނިންގގެ ދާއިރާ ކުރިއަރާފައިވަނީ %1.9އަށެވެ.

ނަމަވެސް މާލީ ދާއިރާ ވަނީ %0.4އަށް ދަށްވެފައެވެ. އަދި އުފެއްދުންތެރިކަމުގެ ދާއިރާ %0.8އަށް ދަށްވެފައިވާއިރު ޢިމާރާތްކުރުމުގެ ދާއިރާ ވަނީ %1.4އަށް ދަށްވެފައެވެ.

ދެކުނު އެފްރިކާގެ އިޤްޠިޞާދު އަހަރުގެ ދެވަނަ ކުއާޓަރުގައި އާރާސްތުވެފައިވާނަމަވެސް ޖުލައި މަހު އެޤައުމުގައި ހިންގި ހަމަނުޖެހުންތަކާއި ކުރީގެ ރައީސް ޖެކޮބް ޒުމާ ޖަލަށްލުމުގެ އިތުރުން ކޯވިޑްގެ ބަލިމަޑުކަމުގެ ތިންވަނަ ރާޅަކާ ކުރިމަތިލާންޖެހުމުގެ ސަބަބުން އަހަރުގެ ތިންވަނަ ކުއާޓަރުގައި އެ ޤައުމުގެ އިޤްޠިޞާދު އަނެއްކާވެސް ހިނަރުވެގެންދާނެކަމަށް މާހިރުން ވިދާޅުވެއެވެ.