ސިޔާސީ

ޝާހިދުގެ ތަރުޖަމާނަކަށް މޮނިކާ ގްރޭލީ


އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި ހުންނަވާ ދައުރުގައި، ފޮރިން މިނިސްޓަރ ޝާހިދުގެ ތަރުޖަމާނެއްގެ ގޮތުގައި މޮނިކާ ގްރޭލީ ހަމަޖައްސަވައިފިއެވެ.

މިނިސްޓަރ ޝާހިދުގެ ތަރުޖަމާނެއްގެ ގޮތުގައި ހަމަޖެއްސެވި މޮނިކާއަކީ މިވަގުތު ޔޫއެން ނިއުސްގެ ޕޯޗްގީޒް އެޑިޓަރެވެ. އަދި އޭނާ ވަނީ އދ.ގެ އާއްމު މަޖިލީހުގެ 73 ވަނަ ސެޝަންގެ ރައީސާ އެކުއެޑޯގެ ފޮރިން މިނިސްޓަރ މަރިއާ ފެރްނާންދާ އެސްޕިނޯސާގެ ތަރުޖަމާނުކަން 2018/2019 ގައި ކުރައްވާފައެވެ. މޮނިކާއަކީ ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ޕީ.އެޗް.ޑީ ހާޞީލުކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެކަމަނާ ވަނީ ޔުނައިޓެޑް ނޭޝަންސް އިންފޮމޭޝަން ސެންޓަރ، ޔޫ.އެން.އައި.ސީ މެކްސިކޯގެ ޑިރެކްޓަރުކަމާއި، ޕާޓްނަރޝިޕް ޔުނިޓްގެ ވެރިޔާގެ މަޤާމުވެސް އަދާކުރައްވާފައެވެ.

އދ.ގެ މަސައްކަތްތަކާއި ގުޅިވަޑައިގަތުމުގެ ކުރިން މޮނިކާ ވަނީ ބައިނަލްއަޤްވާމީ ނިއުސް އެޖެންސީއެއްކަމަށްވާ ބީބީސީ ވޯލްޑް ސަރވިސްގައި މަލްޓި މީޑިއާ ޖަރނަލިސްޓެއްގޮތުގައާއި، ޑެސްކް އެޑިޓަރެއްގެ އިތުރުން އިންޓަރނޭޝަނަލް ކޮމިއުނިކޭޝަންސް އޮފިސަރެއްގެ ގޮތުގައި މާކެޓިންގެ ދާއިރާއާއި ނޫސްވެރިކަމުގެ ދާއިރާގައިވެސް މަސައްކަތްކުރައްވާފައެވެ.

އިންޓަރނޭޝަނަލް ޕާލިމެންޓްރީ ޔޫނިއަން، އައި.ޕީ.ޔޫއިން އިންތިޒާމްކޮށްގެން ބޭއްވި ސްޕީކަރސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އޮސްޓްރިއާގެ ވެރިރަށް ވިއެނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އދ.ގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އެނބުރި ނިއުޔޯކަށް މިހާރު ވަނީ ވަޑައިގެންފައެވެ. ނިއުޔޯކަށް ވަޑައިގަތުމަށްފަހު، މިވަގުތު ނިއުޔޯކްގައި ހުންނެވި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މިނާކްޝީލޭކީއާ އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު ރަސްމީކޮށް އދގެ އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނީ މިމަހުގެ 14 ވާ އަންގާރަ ދުވަހުއެވެ. އަދި އދ.ގެ ކުރިއަށްއޮތް 76 ވަނަ އާއްމު މަޖިލިސް ރަސްމީކޮށް ހުޅުވުން އޮންނާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.