ޚަރަދުކުރާ މިންވަރު އިތުރުވުމުގެ ސަބަބުން ލަފާކުރިވަރަށްވުރެ ހަލުއި ދުވެލީގައި ޖަޕާނުގެ އިޤްޠިޞާދު ކުރިއަރައިފިއެވެ.
ޖަޕާނުގެ ކެބިނެޓް އޮފީހުން ނެރުނު ހިސާބުތައް ދައްކާގޮތުގައި އޭޕްރީލް މަހުން ޖޫންމަހުގެ ނިޔަލަށް ޖަޕާނުގެ އިޤްޠިޞާދު ވަނީ 1.9 އިންސައްތައަށް ކުރިއަރާފައެވެ. މިއީ އިޤްޠިޞާދީ މާހިރުން ލަފާކޮށްފައިވާ 1.6 އިންސައްތައަށްވުރެ އިތުރު ޢަދަދެއްކަމަށްވެސް ހިސާބުތަކުން ދައްކައެވެ.
ދެވަނަ ކުއާޓަރުގެ ޖަޕާނުގެ ޖީޑީޕީ 0.5 އިންސައްތައަށް ކުރިއަރާފައިވާއިރު މިއީ ކުރިން ލަފާކޮށްފައިވާ 0.4 އިންސައްތައަށްވުރެ އިތުރު ޢަދަދެކެވެ. މިއާއިއެކު ކެޕިޓަލް އެކްސްޕެންޑިޗަރއިން ޖީޑީޕީގެ ގޮތުގައި 2.3 އިންސައްތަ އިތުރުވެފައިވާއިރު މި ޢަދަދަކީވެސް ކުރިން ލަފާކޮށްފައިވާ 2.0 އަށްވުރެ އިތުރު ޢަދަދެކެވެ.
ޖަޕާނުގެ ޖިޑީޕީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ދައުރެއް އަދާކުރާ ޕްރައިވެޓް ކޮންސަޕްޝަންވެސް ވަނީ 0.9 އިންސައްތައަށް އިތުރުވެފައެވެ.
ދެވަނަ ކުއާޓަރުގައި ޖަޕާނުގެ އިޤްތިޞާދު ހަލުއި ދުވެލީގައި ކުރިއަރާފައިވީނަމަވެސް ޖަޕާނުގައި ވެކްސިންދޭ ރޭޓް މަދުވުމުގެ ސަބަބުން އިޤްޠިޞާދު އަދިވެސް އޮތީ ވަރަށް ނާޒުކު ފައްތަރެއްގައިކަމަށް މާހިރުން ވިދާޅުވެއެވެ.
ޖަޕާނުގެ ނޮރިންޗުކިން ރިސާރޗް އިންސްޓިއުޓްގެ މާހިރެއްކަމަށްވާ ތަކޭޝީ މިނާމީ ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ އެހެން އިޤްޠިޞާދުތަކާއި އަޅާބަލާއިރު ޖަޕާނުގެ އިޤްޠީޞާދު އަދިވެސް އޮތީ ހީނަރުކަމެއްގެ ތެރޭގައިކަމަށެވެ. އަދި އެޤައުމުގެ އިޤްޠިޞާދު ހަމަޔަކަށް އެޅޭނީ އަންނަ އަހަރު ކުރީކޮޅުކަމުގައިވެސް ތެކޭޝީ ވިދާޅުވިއެވެ.