ޚަބަރު

ހުސްވެފައިވާ އެމްއެމްސީގެ މަޤާމަށް ޝާފިއު


ހުސްވެފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މަޤާމަށް މުހައްމަދު ޝާފިއު އިންތިޚާބު ކޮށްފިއެވެ.

މިއަދު ކުރިއަށްދިޔަ ބައި އިލެކްޝަން ޝާފިއު ކާމިޔާބުކޮށްފައިވަނީ 57 ވޯޓުންނެވެ. އޭނާއާއި ވާދަކުރި އަހުމަދު ވަހީދު އަލީއަށް ލިބިވަޑައިގެންނެވީ 36 ވޯޓެވެ. މިއިންތިޚާބުގައި ވާދަކުރި އައިޝަތު ހުސެއިން މަނިކަށް އެއްވެސް ވޯޓެއް ލިބިވަޑައިގެންފައެއް ނުވެއެވެ.

މި އިންތިޚާބުގައި ވޯޓުލުމަށް 103 މީޑިއާއަކުން ރަޖިސްޓްރީ ވެފައި ވީނަމަވެސް ވޯޓު ލާފައިވަނީ 93 މީޑިއާ އަކުންނެވެ.

މީޑިއާ ކައުންސިލްގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ އެމްއެމްސީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ޔާމީން އިބްރާހިމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޔާމީންއަކީ ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރުސީއެމްގެ ސެކެޓްރީ ޖެނެރަލްއެވެ.

މީޑިއާ ކައުންސިލްގެ ގާނޫނާއި ގަވާއިދު ބުނާގޮތުން މީޑިއާ ކައުންސިލްގެ މެމްބަރެއްގެ މަގާމު ހުސްވާތާ 28 ދުވަސް ތެރޭ މެމްބަރު ކަމަށް ބޭފުޅަކު އިންތިޚާބު ކުރަންޖެހެއެވެ. މީޑިއާ ކައުންސިލްގެ މެމްބަރެއްގެ ދައުރަކީ ދެ އަހަރެވެ.