ޚަބަރު

އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި ވޯޓްލެވޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި


މިމިހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓު އާންމުކޮށްފިއެވެ.

އެމްޑީޕީން ވަނީ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު މިއަދު އާންމުކޮށްފައެވެ. އެމްޑީޕީން ބުނެފައިވަނީ ދާއިމީ ލިސްޓުގައި ނަން ހިމެނިފައި ނުވާ އެއްވެސް ފަރާތަކަށް ވޯޓު ނުލެވޭނެކަމަށެވެ. އެޕާޓީގެ ވެބްސައިޓުގައި މިއަދު ވަނީ ލިސްޓު އާންމުކޮށްފައެވެ.

އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ދެވިގެންދާނީ އެހެން އިންތިޚާބުތަކުގައިވެސް އަމަލުކުރާ އުސޫލުން ޕާޓީގެ ދަފްތަރުގައި ހިމެނޭ މީހުންނަށެވެ. ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ވޯޓުލާން ފުރުސަތު ދޭނީ މިއަދު އާންމުކުރި ލިސްޓުގައި ހިމެނޭ މީހުންނަށެވެ.

އެމްޑީޕީއަކީ ރާއްޖޭގައި އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އެޕާޓީގެ ދަފްތަރުގައި 93،354 މެމްބަރުން އެބަތިއްބެވެ. މި އިންތިޚާބަކީ އެމްޑީޕީގެ އެތެރޭގައި ބޭއްވޭ އެންމެ ބޮޑު އިންތިޚާބަށްވާއިރު، އިންތިޚާބުގައި 300 ވޯޓު ފޮށި އެކި ދާއިރާތަކުގައި ބެހެއްޓިގެންދާނެއެވެ. މިއިންތިޚާބުގައި 900 އެއްހާ އޮފިޝަލުން ހަރަކާތްތެރިވާނެކަމަށާއި، އޮފިޝަލުން ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެޕާޓީން ބުނެއެވެ.

އެމްޑިޕީގެ އިންތިޚާބުގައި ޕާޓީން ކަންކަން ނިންމަމުންދަނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އޮންނަ އުސޫލުގެ ތެރެއިންކަމަށްވެސް އެޕާޓީންވަނީ ބުނެފައެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި 730 ކެނޑިޑޭޓުން ވާދަކުރެއެވެ.