ޚަބަރު

އަލީ ވަހީދު އެންމެ ފަހުން ރައީސް ޔާމީންގެ ދިފާޢުގައި


މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާޢުގައި ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު ނިކުންނަވައިފިއެވެ.

ރައީސް ޔާމީންގެ ދިފާޢުގައި އަލީ ވަހީދު ވާހަކަދައްކަވާފައި މިވަނީ އަލީ ވަހީދުގެ މައްޗަށް ދައުވާ އުފުލުމުން ރާއްޖޭގެ ކޯޓްތަކަށް ފިލައިގެން އިނގިރޭސިވިލާތުގައި އުޅެނިކޮށް އެ ޤައުމުގެ ފުލުހުން އޭނާ ހައްޔަރުކުރިތާ ދުވަސްކޮޅެއް ފަހުންނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އަލީ ވަހީދު އަމިއްލައަށް އަރުވާލެވިގެން ދިރުއުޅުއްވަމުން ގެންދެވީ ރާއްޖެއިން ބޭރުގައެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތާއި ރައީސް ޔާމީން ގުޅުވާ އެންމެ ގިނައިން ވާހަކަ ދައްކަވާ ހެކިތައް ފެންނަން ހުރިކަމަށް ވިދާޅުވި އެއް ބޭފުޅަކީވެސް އަލީ ވަހީދެވެ.

އެކަމަކު އެވާހަކަތައް ބަދަލުކުރައްވާ މިއަދު އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އެމް.އެމް.ޕީ.އާރު.ސީ. މައްސަލައާ ގުޅުވާ ކުރެވޭނެ އެއްވެސް ދަޢުވާއެއް ނޯންނާނެކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި
ރާއްޖެއިން ބޭރުގައި ކުރެވުނު ތަޙުޤީޤުގައި އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ނުކުރެވުނީ އެ ސަބަބާއިހުރެ ކަމަށްވެސް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

" ސިޔާސީ ދަޢުވާތަކާއި މީހުން ފްރޭމް ކުރުމާއި އަނިޔާވެރިކަމުގެ ކުރިމަތީ ފަހަތަށް ނުޖެހޭނަން. އިންސާފުވެރި ޢަދުލުވެރި ޝަރުޢީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް ވާނަން. އިރާދަފުޅުން ދައްކަން އުޅުނު ވާހަކަ ދައްކާނަން. އެނބުރި އަންނާނަން." އަލީ ވަހީދުގެ ޓްވީޓްގައިވެއެވެ.

ފުލުފުލުގައި ކުރި އެހެން ޓްވީޓެއްގައި އަލީ ވަހީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓް ފެށެނީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމާއި ހަމައިންކަމަށެވެ. އަދި ރެހެންދި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނުކުތް މީހުން ނޯޅޭކަމަށްވެސް އަލީ ވަހީދުގެ ޓްވީޓްގައިވެއެވެ.

" ސައްޙަ ލިސްޓު ފެށެނީ އަދުގެ ޕްރޮސިކިއުޓަރ ޖެނެރަލާ ހަމައިން. ރެހެންދި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނިކުތް މީހުން އަޅުގަނޑުމެންނަކަށް ނޯޅޭ! ތިޔަ ފޯނުތަކާ ލެޕްޓޮޕާ އިނގިރޭސި ތަޙުޤީޤު ޓީމަށް ރައްދުކޮށްދިނީ އަޅުގަނޑު. ޖަލަށް ލިޔަސް، މަރާލިޔަސް، އިރާދަފުޅުން މިއަޑު ކަނޑުވާނުލެވޭނެ." އަލީގެ ޓްވީޓްގައިވެއެވެ.

ޓްއަރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވަނިކޮށް ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ވަޑައިގެންގޮތަށް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. އަދި ކޯޓަށް ހާޒިރުވުމަށް ތަކުރާރުކޮށް އެންގުމުންވެސް ހާޒިރުވެޑައިގެންފައެއް ނުވެއެވެ. އަދި އިނގިރޭސިވިލާތުގެ އިމިގްރޭޝަން ޤާނޫނުތަކާއި ހިލާފުވެގެން އެޤައުމުގެ ފުލުހުން ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އަލީ ވަހީދު ހައްޔަރުވެސް ކޮށްފައެވެ.

މީގެއިތުރުން ސުޕްރީމްކޯޓުގެ ހުރުމަތް ކަނޑައިގެން 2 މަހާއި 12 ދުވަހަށް ޖަލު ހުކުމެއް އަލީ ވަހީދުގެ މައްޗަށް އެބައޮތެވެ. އަދި އެ ހުކުމް ތަންފީޒުކުރުމަށް ސުޕްރީމް ކޯޓުންވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރުވެސް ކޮށްފައެވެ.

ޓްއަރިޒަމް މިނިސްޓަރުކަމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށްް ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެއް ވަނީ އުފުލާފައެވެ.