ޚަބަރު

ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލަން ހުށަހަޅައިފި


ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ އިސްތިއުނާފްގެ މައްސަލައިގެ އަޑުއެހުންތައް މިއަދު ފަށާފައިވާއިރު ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އިސްތިއުނާފް ފޯމާ އެކީ ދެ ހުށަހެޅުމެއް ހުށަހަޅާފައެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ދެ ހުށަހެޅުމަކީ ކަފާލާތުގެ ދަށުން ދޫކޮށްލުމާއި އަދި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށެވެ. މި ހުށަހެޅުމާ ގުޅޭ ގޮތުން ދައުލަތުގެ ފަރާތުން ޖަވާބު ދެއްވާފައިވަނީ އިއްޔެ ވަރަށް ލަސްވެފައިވަނިކޮށް ކަމަށްވުމުން އެކަށީގެންވާ ވަގުތު ނެތްކަމަށް ވިދާޅުވެ އިތުރު ވަގުތަށް ރައީސް ޔާމީންގެ ވަކީލް ޑރ.ޖަމީލް ވަނީ އެދިވަޑައިގެންފައެވެ. މިހުށަހެޅުމާއި އެއްގޮތަށް ޝަރީއަތުން ވަނީ އެކަމާ ގުޅިގެން ތައްޔާރުވާން ދެ ދުވަހުގެ ފުރުސަތެއް ދީފައެވެ.

މިއަދު އޮތީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމެވެ. އެމަނިކުފާނު ވަނީ 22 ނުކުތާއެއް ކޯޓުގައި ހުށަހަޅާފައެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހީމްއެވެ.

ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާއިރު، އިތުރު ޝަރީއަތްތަކެއްވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެގޮތުން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރެއްވުމާއި މަނީލޯންޑަރިންގެ ކުށުގެ ދަޢުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ، ރިސޯޓެއްގެ ގޮތުގައި ފުށްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް އެ ފައިސާ ލޯންޑަރކުރުމަށް ފަށަލަކޮށްފައިވާ މައްސަލާގައެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ދަށުކޯޓުގެ ޙުކުމް ދަމަހައްޓަން ހައިކޯޓުން ނިންމާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21ވަނަ ދުވަހުއެވެ.

ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ ޖަލުހުކުމާއެކު ކޮށްފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ، ހުކުމާއި އެއްގޮތަށް ދައްކަމުން ނުދާތީ އެފައިސާ އެއްފަހަރާ ދެއްކުމުގެ އަމުރަކަށް ބަންޑާރަ ނާއިބުގެ އޮފީހުން ސިވިލް ކޯޓުގައި ވަނީ އެދިފައެވެ.