ޚަބަރު

އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި ވާދަކުރަނީ 733 ކެނޑިޑޭޓުން


މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި 733 ކެނޑިޑޭޓުން ވާދަކުރާ ކަމަށް އެޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އަންނަމަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލާފައިވާ މެމްބަރުންގެ ފައިނަލް ލިސްޓާއި، ވޯޓު ލެވޭނެ މީހުންގެ ދާއިމީ ލިސްޓުވެސް މިހާރު އާންމުކޮށްފައިވާކަމަށެވެ.

އިންތިޚާބުގައި އެކި ދާއިރާތަކަށާއި، އެކި މަޤާމުތަކަށް 733 ކެނޑިޑޭޓުން ވާދަކުރެއެވެ. އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ދެވިގެންދާނީ އެހެން އިންތިޚާބުތަކުގައިވެސް އަމަލުކުރާ އުސޫލުން ޕާޓީގެ ދަފްތަރުގައި ހިމެނޭ މީހުންނަށެވެ. ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ވޯޓުލާން ފުރުސަތު ދޭނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހުކަމަށް ހަސަން ވިދާޅުވިއެވެ.

އެމްޑީޕީއަކީ ރާއްޖޭގައި އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އެޕާޓީގެ ދަފްތަރުގައި 93،354 މެމްބަރުން އެބަތިއްބެވެ. މިފަހަރުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޝަރުތު ހަމަވަނީ 93،165 މީހުންނެވެ. މިލިސްޓަށް ޝަކުވާ އަށް ހުޅުވާލުމުން ހުށަހެޅުނު ޝަކުވާއަށް ބަލައި 940 މީހަކަށް އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. އަދި މިލިސްޓުން 918 މީހަކަށް އިންތިޚާބުގައި ވޯޓު ނުލެވޭނެ ކަމަށް ވަނީ ނިންމާފައެވެ.

މި އިންތިޚާބަކީ އެމްޑީޕީގެ އެތެރޭގައި ބޭއްވޭ އެންމެ ބޮޑު އިންތިޚާބަށްވާއިރު، އިންތިޚާބުގައި 300 ވޯޓު ފޮށި އެކި ދާއިރާތަކުގައި ބެހެއްޓިގެންދާނެއެވެ. މިއިންތިޚާބުގައި 900 އެއްހާ އޮފިޝަލުން ހަރަކާތްތެރިވާނެކަމަށާއި، އޮފިޝަލުން ހޯދުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ކުރެވޭނެކަމަށް ހަސަން ވަނީ ވިދާޅުވެއެވެ. އޭނާ ވިދާޅުވީ މިހާރު ކުރަމުންދަނީ އޮފިޝަލުން ހޯދުމުގެ މަސައްކަތް ކަމުގައެވެ. އޮފިޝަލުންގެ ގޮތުގައި ހަމަޖައްސާނީ އެއްވެސް ކެނޑިޑޭޓަކާއި ގުޅުންނެތް މީހުންނަށް ވުމުން، ޕާޓީގެ މެމްބަރުންގެ ތެރެއިން އެއްވެސް ކެނޑިޑޭޓަކާއި ގުޅުން ނެތް މީހުން މިކަމަށް ޝައުގުވެރިކަން ފާޅު ކުރުމަށް ހަސަން ވަނީ އެދިފައެވެ.