ޚަބަރު

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ނަދީމްއާއި ޝަފީޢު އައްޔަންކުރައްވައިފި


ކްރިމިނަލް ކޯޓަށް ފަނޑިޔާރުކަމުގެ މަޤާމަށް އަލްއުސްތާޛު ޢަލީ ނަދީމް އަދި އަލްއުސްތާޛު އިސްމާޢީލް ޝަފީޢު އައްޔަން ކުރައްވައިފިއެވެ.

ކްރިމިނަލް ކޯޓުގެ އިތުރުން ތިން މެޖިސްޓްރޭޓް ކޯޓަކަށް ވެސް ވަނީ ފަނޑިޔާރުން އައްޔަން ކުރައްވާފައެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަންގައި އިއްޔެ ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތުގައި ކްރިމިނަލް ކޯޓިގެ ފަނޑިޔާރުގެ މަޤާމަށް އައްޔަން ކުރެއްވި ދެބޭފުޅުންނަކީ ކޮމިޝަނުން ކުރި އިޢުލާނާ ގުޅިގެން އެމަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، އިންޓަރވިއު ކުރުމަށްފަހު، އިންޓަރވިއުގައި އެންމެ ޤާބިލުކަމަށް، ފަނޑިޔާރުން ޢައްޔަންކުރާ ކޮމިޓީން އެ ކޮމިޝަނަށް ލަފާ އެރުވުނު ދެ ބޭފުޅުންނެވެ.

އަލްއުސްތާޛު ޢަލީ ނަދީމް ވަނީ މިޞްރުގެ އަޒްހަރު ޔުނިވާރސިޓީއިން ޝަރީއާވަލްޤާނޫނުގެ ޑިގްރީ ޙާޞިލްކުރައްވާފައެވެ. މީގެ އިތުރުން، އަލްއުސްތާޛު ޢަލީ ނަދީމް ވަނީ ޕްރޮސިކިއުޓާރ ޖެނެރަލް އޮފީހުގެ ޕްރޮސިކުޓަރެއްގެ މަޤާމުގައި 2 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.

އަލްއުސްތާޛު އިސްމާޢީލް ޝަފީޢު ވަނީ ޔޫކޭގެ ކާރޑިފް ޔުނިވާރސިޓީއިން ބެޗެލާރސް އޮފް ލޯ ޙާޞިލްކުރައްވާފައެވެ. އަދި އޭނާ ވަނީ ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުގެ ޕްރޮސިކުޓަރެއްގެ މަޤާމުގައި 2 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިތުރުން އަމިއްލަ ލޯ ފާމްތަކުގައިވެސް ވަކީލެއްގެ ޙައިސިއްޔަތުން މަސައްކަތް ކުރައްވާފައިވެއެވެ.

ކްރިމިނަލް ކޯޓަށް އައްޔަން ކުރެވުނު ދެބޭފުޅުން އިތުރުން 3 ރަށެއްގެ މެޖިސްޓްރޭޓްކަމުގެ މަޤާމަށްވެސް ވަނީ ބޭފުޅުން އައްޔަން ކުރައްވާފައެވެ.

އެގޮތުން ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް، އައްޔަން ކުރެވުނު މަރްޔަމް އިފްހާމް ނާޝިދަކީ ކުއްލިއްޔަތުލް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުން ބެޗްލަރ ޑިގްރީ ވިތް އޮނަރސް ޙާޞިލްކުރައްވާފައެވެ. މީގެ އިތުރުން، މަރްޔަމް އިފްހާމް ނާޝިދު ވަނީ ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އެސިސްޓެންޓުގެ މަޤާމުގައި 6 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.

ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައްޔަން ކުރެވުނު ޢަބްދުއްސަލާމް ވަނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނާރސް ޙާޞިލްކުރައްވާފައެވެ. މީގެ އިތުރުން، ޢަބްދުއްސަލާމް ވަނީ ހައިކޯޓުގެ ލީގަލް އޮފިސަރގެ މަޤާމުގައި 4 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.

ގއ.ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް، އައްޔަން ކުރެވުނު ވިޝާޙް ވަޖީދް އަކީ ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އެސިސްޓެންޓެއްގެ މަޤާމުގައި 1 އަހަރާއި 7 މަސް ދުވަހުގެ މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ޙާސިލްކުރެއްވީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލްކުރައްވާފައެވެ.

މި ތިން ބޭފުޅުނަކީ އެމަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އިންޓަރވިއުގައި އެންމެ ޤާބިލުކަމަށް، ފަނޑިޔާރުން ޢައްޔަންކުރާ ކޮމިޓީން ކޮމިޝަނަށް ލަފާ އެރުވި 3 ބޭފުޅުންނެވެ.