ޚަބަރު

އިންތިޤާލީ އިންސާފުގެ އޮފީހަށް މިރޭވެސް މައްސަލަ ބަލައިގަންނާނެ


އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މިރޭވެސް މައްސަލަ ހުށަހެޅޭ ގޮތަށް ހަމަޖައްސައިފިއެވެ.

އެއޮފީހުން ބުނެފައިވަނީ ނިޒާމީ ސިފައެއްގައި ރާވައިގެން، ދިވެހި ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސި މިނިވަންކަމާ ޚިލާފަށް ދަޢުލަތުގެ މުއައްސަސާތަކުންނާއި މުއައްސަސާތަކުގެ އިސް ހިންގުންތެރިން ހިންގާފައިވާ ޢަމަލުތަކާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (އޯ.ޓީ.ޖޭ) އިން ހުޅުވާލި މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެކަމަށެވެ.

ނަމަވެސް އަދިވެސް ގިނަ އަދަދެއްގެ މައްސަލަތަކެއް ހުށަހެޅެމުންދާތީ، ވީހާވެސް ގިނަ ޢާންމުންނަށް މައްސަލަތައް ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މިރޭ 12:00 އާ ހަމައަށް އޮފީހުގެ ރިސެޕްޝަނަށް މައްސަލަ ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އެ އޮފީހުން ބުނެއެވެ. އަދި އެއްވެސް ފަރާތަކުން އޮފީހަށް މައްސަލައެއް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، މިރޭގެ ނިޔަލަށް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް މައްސަލަތައް ހުށަހެޅުއްވުމަށް އެއޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން މިހާތަނަށް 19 މައްސަލައެއް ތަޙްޤީގުކުރަންދާކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ 13 ޖޫން 2021 އިން 13 އޯގަސްޓް 2021ގެ ނިޔަލަށެވެ. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭނީ އިންތިޤާލީ އިންސާފުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކާ ގުޅޭ މައްސަލަތަކެވެ.