ސުވިޒަލޭންޑާއި އޮސްޓްރިއާގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން މީޑިއާ އިވެންޓް ތަކެއް ހިންގުމަށް ނިންމައިފިއެވެ.
މިގޮތުން ބޭއްވޭ ފުރަތަމަ ޙަރަކާތް ސުވިޒަލޭންޑުގެ ޒިއުރިކްގެ ރެނައިސަންސް ޒިއުރިކް ޓަވާ ހޮޓެލްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރު ޙަރަކާތެއް މިމަހުގެ 15ވަނަ ދުވަހު އޮސްޓްރިއާގެ ވިއެނާގެ ދަ ރިޒްކާލްޓަންގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ވިޒިޓް މޯލްޑިވްސްއިން ވިދާޅުވީ މިޙަރަކާތްތަކުގައި ސުވިޒަލޭންޑާއި އޮސްޓްރިއާގައި ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިސްތިހާރުކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ ރިޒޯޓު، ހޮޓެލް، ގެސްޓްހައުސް، ލިވްއަބޯޑުތަކާ ގުޅޭ މައުލޫމާތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ޚިދުމަތްތަކާއި ތަޖުރިބާތައް ޕްރޮމޯޓުކުރާނެ ކަމަށެވެ.
މިއީ ސުވިޒަލޭންޑާއި އޮސްޓްރިއާގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކޮށް، އެޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ގެންގުޅޭ ސްޓްރެޓަޖީގެ ދަށުން ހިންގޭ ހަރަކާތްތަކެކެވެ.
ވިޒިޓް މޯލްޑިވްސްއިން ސުވިޒަލޭންޑާއި އޮސްޓްރިއާގައި ކަނޑައެޅިފައިވާ ސްޓްރެޓަޖީތައް ބައްޓަންކޮށްފައިވަނީ ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ މަޤުބޫލު އަދި އެންމެ އެކަށޭނެ މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކުރުމަށެވެ.
މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ސުވިޒަލޭންޑު އޮތީ ރާއްޖެއަށް 14ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓުގެ ގޮތުގައެވެ. މި މާކެޓުން މި މުއްދަތުގައި ރާއްޖެއަށް 11375 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައިވެއެވެ. އޮސްޓްރިއާއަށް ބަލާއިރު، ޖުލައިމަހުގެ ނިޔަލަށް 7003 ފަތުރުވެރިން މިމާކެޓުން ޒިޔާރަތްކޮށްފައިވެއެވެ. މިއީ ރާއްޖެއަށް 19ވަނައަށް އެންމެ ގިނައިން ފަތުވެރިން ޒިޔާރަތްކުރާ ޤައުމެވެ.
ސުވިޒަލޭންޑާއި އޮސްޓްރިއާ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދަމަހައްޓައި އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ދަނީ ގިނަ ކެމްޕެއިންތަކެއް މިހާރުވެސް ކުރިއަށް ގެންދަމުންނެވެ. މިގޮތުން ކޮނޮސުއަރ ސާކަލް، ބެންޓްލީ މެގަޒިން، ލެޓްސް ގޯ ޓުއަރ އަދި އިމޭޖިން މެގަޒިން އާއެކު ވިޒިޓް މޯލްޑިވްސްއިން ދަނީ ކެމްޕެއިންތައް ކުރިއަށް ގެންދަމުންނެވެ.
މި މާކެޓްތަކަށް ޚާއްސަކޮށް ކުރިއަށް ރޭވިފައިވާ ޙަރަކާތްތަކުގެ ތެރޭގައި ފޭމް ޓްރިޕްތައް، ޕްރިންޓް އެޑްވަޓައިޒިން ކެމްޕޭންތަކާއި ސޯޝަލް އަދި ޑިޖިޓަލް މީޑިއާ ކެމްޕެއިންގެ އިތުރުން ސްޓޭކްހޯލްޑަރުންނާއެކު ހިންގަން ހަމަޖެހިފައިވާ ކެމްޕެއިންތައް ހިމެނެއެވެ.