ދުނިޔޭގެ ވިޔަފާރި

އެމެރިކާގައި ފަޤީރުކަން އިތުރުވަނީ


ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ގިނަ ޢަދެއްގެ މީހުންގެ ވަޒީފާ ގެއްލި ގޭބީސީތަކަށް މިދިޔަ އަހަރު ލިބުނު ޢާމްދަނީ ދަށްވުމާއިއެކު އެމެރިކާގެ ފަޤީރުކަމުގެ ނިސްބަތް އިތުރުވެފައިވާކަމަށް އެ ޤައުމުގެ ސެންސަސް ބިއުރޯގެ ހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ އަހަރު އެމެރިކާގެ ފަޤީރުކަމުގެ ނިސްބަތް ވަނީ މީގެ 60 އަހަރު ކުރިންހުރި ވަރަށް ދަށްވެފައެވެ.

މިގޮތުން ގޭބީސީތަކަށް ލިބުނު ޢާމްދަނީ ވަނީ 67521 އެމެރިކާ ޑޮލަރަށް ދަށްވެފައެވެ. މިއާއެކު އެމެރިކާގެ ފަޤީރުކަމުގެ ނިސްބަތް 5 އަހަރު ދުވަސްވަންދެން ދަށްވެފައިހުރުމަށްފަހު މިދިޔަ އަހަރު މި ނިސްބަތްވަނީ %11.4އަށް އިތުރުވެފައެވެ.

ފަޤީރުކަން ނައްތާލުމަށް ސަރުކާރުން ދޭން ފަށާފައިވާ ގިނަ ޢަދަދެއްގެ އެހީގެ ޕްރޮގްރާމްތައް ދިނުން މިދިޔަ އަހަރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އަދި މިއީ 2009ވަނަ އަހަރަށްފަހު މި އެހީ އެންމެ މަދުން ދިން އަހަރުވެސްމެއެވެ.

މިއާއިއެކު އެމެރިކާގައި ފަޤީރުންގެގޮތުގައި މިދިޔަ އަހަރު ތިބި މީހުންގެ ޢަދަދު 37.2 މިލިއަނަށް އަރާފައިވާކަމަށް ސެންސަސް ބޯޑުން މަޢުލޫމާތުދެއެވެ. ސެންސަސް ބޯޑުން ފަޤީރުންގެގޮތުގައި ބަލަނީ ޢާމްދަނީގެގޮތުގައި 26246 އެމެރިކާ ޑޮލަރަށްވުރެ މަދުން ޢާމްދަނީލިބޭ މަންމައާއި ބައްޕަގެ އިތުރުން ދެ ކުދިން ތިބޭ ގޭބީސީތަކެވެ.

ނަމަވެސް ޔުނިވަރސިޓީ އޮފް މިޝިގަންގެ އިންސްޓިއުޓް ފޯ ސޯޝަލް ރިސާރޗް އެންޑް ފޯރޑް ސްކޫލް އޮފް ޕަބްލިކް ޕޮލިސީގެ ރިސާރޗް ޕްރޮފެސަރ ޑޭވިޑް ޖޯންސަން ވިދާޅުވާގޮތުގައި ފަޤީރުންގެގޮތުގައި ކަނޑައެޅުމަށް ބޭނުންކުރާ މި މިންގަޑަކީ މިހާރު ބަދަލުކުރަން ޖެހިފައިވާ މިންގަޑެކެވެ.

2009ވަނަ އަހަރަށްފަހު ކޯވިޑްގެ ބަލިމަޑުކަމާއިހެދި މިދިޔަ އަހަރު ފުރަތަމަ ފަހަރަށް އެމެރިކާގެ އިޤްޠިޞާދު ހީނަރުވެގެން ގޮސް އެތައްބައެއްގެ ވަޒީފާ ގެއްލި އެ ޤައުމުގެ އާއިލާތަކަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތައް މި ހިސާބުތަކުން ވަރަށް ރަގަޅަށް ސާފުވެގެން ދެއެވެ.