ޚަބަރު

އެމްއާރުއެމްގެ ރައީސްކަމަށް ފާރިސް ކުރިމަތިލައްވައިފި


ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިސްވެ އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސްކަމުގެ މަޤާމަށް މައުމޫނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު ފާރިސް މައުމޫން ކުރިމަތިލައްވައިފިއެވެ.

އެމްއާރުއެމްގެ މަޤާމުތަކަށް ކުރިމަތި ލުމުގެ މުއްދަތު މިއަދު ހަވީރު 4 ޖެހުމާއި ހަމައަށް ހަމަވާއިރު، ޕާޓީގެ މުހިންމު މަޤާމުތަކަށް ވަނީ ބޭފުޅުން ކުރިމަތިލައްވާފައެވެ. އެގޮތުން އެޕާޓީގެ ޒައީމްކަމުގެ މަޤާމަށް ޕާޓީގެ މިހާރުގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްވަނީ ކުރިމަތިލައްވާފައެވެ.

އެމްއާރުއެމްގެ ރައީސްކަމަށް ކުރިމަތި ލެއްވި ފާރިސް މައުމޫނަކީ، ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅު ސިޔާސީ ކަންކަމުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް ފަހުން މިދިޔަ ދެތިން އަހަރު ސިޔާސީ މަސައްކަތްތަކުގައި ފާރިސް މާބޮޑަށް ފެނިފައިނުވެއެވެ.

އެމްއާރުއެމްގެ ނާއިބް ރައީސްކަމަށްވެސް ވަނީ ތިން ބޭފުޅަކު ކުރިމަތި ލައްވާފައެވެ. އަންހެން ބޭފުޅުންގެ ތެރެއިން އިންތިޚާބުކުރާ ނާއިބް ރައީސް ކަމަށް ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކާއެކު އިސްކޮށް މަސައްކަތް ކުރެއްވި އާމިނަތު ނާދިރާވަނީ ކުރިމަތި ލައްވާފައެވެ. ފިރިހެން ބޭފުޅުންގެ ތެރެއިން ނާއިބް ރައީސް ކަމުގެ މަޤާމަށް އިންތިޚާބުކުރާ މަޤާމަށް ކުރިމަތިލައްވާފައިވަނީ މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމާއި، ޓްރާސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒު ޢަލީއެވެ.

އެމްއެމާރުއެމްއިން ހުޅުވާލާފައިވާ މަޤާމުތަކުގެ ތެރޭގައި އެގްޒެކްޓިވް ކޮމެޓީގެ މެންބަރު ކަމަށް 20 ބޭފުޅުން އިންތިޚާބު ކުރާނެއެވެ. އެއީ 10 ފިރިހެނުންނާއި 10 އަންހެނުންނެވެ. ދެން ހުޅުވާލާފައި އޮތީ ޒުވާނުންގެ ކައުންސިލްގެ ރައީސް ކަމަށާއި ޒުވާނުންގެ ކައުންސިލްގެ ނާއިބު ރައީސް ކަމަށާއި އެކައުންސިލަށް އިތުރު 30 މެންބަރުންނެވެ. އެއީ 15 ފިރިހެނުންނާއި 15 އަންހެނުންނެވެ. އަދި އަންހެނުންގެ ކައުންސިލްގެ ރައީސް ކަމަށާއި ނާއިބު ރައީސް ކަމަށާއި އަންހެނުންގެ ކައުންސިލަށް 20 މެންބަރުން ހޮވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިންތިޚާބު ކޮމެޓީއާއި ސުލޫކު ކޮމެޓީއާއި އިސްތިއުނާފު ކޮމެޓީންކުރެ ކޮންމެ ކޮމެޓީއަކަށް ފަސް މެންބަރުން އިންތިޚާބު ކުރާނެއެވެ.

އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށްޓަކައި ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ދިނީ 2019ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 2ގައެވެ. އަދި އެޕާޓީގެ މަޤާމުތަކަށް ބޭފުޅުން އައްޔަންކުރައްވާފައިވަނީ ޤައުމީ ޖަލްސާއެއް ބޭއްވެންދެންނެވެ. އެމްއާރުއެމް އިން ބުނީ ކޯވިޑާ ގުޅިގެން އެޕާޓީގެ ޤައުމީ ޖަލްސާ ބޭއްވުމަށް ލަސްތަކެއްވެފައިވާކަމަށެވެ. ނަމަވެސް ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތުމުން ޤައުމީ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ދޭ މުއްދަތު ހަމަވެފައިނުވާކަމަށެވެ. އެމްއާރުއެމްއިން ބުނީ އެޕާޓީގެ އިންތިޤާލީ އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވަނީ ޤައުމީ ޖަލްސާ އޮންލައިންކޮށް ބޭއްވުމަށް ކަމަށެވެ. އެމްއާރުއެމްގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިބީ 3048 މެންބަރުންނެވެ.