ޚަބަރު

ބަންދު އެއްބަސްވުމާ ޚިލާފުވެވަޑައިނުގަތުމަށް ރައީސް ޔާމީނަށް ނަސޭހަތްތެރިވެއްޖެ


މިމަހުގެ 10ވަނަ ދުވަހު އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާއަށް ހިތްވަރުދީ، ރައީސް ޔާމީން ޢަމަލު ކުރައްވާފައިވާތީ ބަންދުގައި ހުންނަވައިގެން އެފަދަ ޢަމަލުތައް ތަކުރާރު ނުކުރުމަށް ރައީސް ޔާމީނަށް ނަސޭހަތްތެރި ވެއްޖެއެވެ.

"އިންސާފު ކޮބާ؟"ގެ ނަމުގައި ކުރިއަށް ގެންދިޔަ ހިނގާލުމުގެ ބައިވެރިން ޕީޕީއެމް އޮފީސް ކައިރިޔަށް އެއްވި ވަގުތު ރައީސް ޔާމީން ދިރިއުޅުއްވާ ހ.ދޫވެހި ކުޑަދޮރަކުން ޢާންމުންނަށް ހަނާއަޅުއްވައި، ޕީޕީއެމްއަށް ނިސްބަތްވާ ދިދަ އަކާއި ޤައުމީ ދިދަ ނަންގަވައި ހޫރުވާތަންވަނީ ފެނިފައެވެ. އަދި ހިނގާލުމުގެ ބައިވެރިންނަށް އެމަނިކުފާނުވަނީ ހިތްވަރުވެސް ދެއްވާފައެވެ.

ކަރެކްޝަނުން ވަނީ މިކަން ބެއްލެވުމަށްފަހު، ރައީސް ޔާމީން ގޭ ބަންދުގައި ބެހެއްޓުމަށް ވެފައިވާ އެއްބަސްވުމާ އެމަނިކުފާނު ޚިލާފްވެވަޑައިގެންފައިވާތީ، އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް ލިޔުމުން ރައީސް ޔާމީނަށް އިއްޔެ ނަސޭހަތްތެރިވެފައެވެ.

ޖަލުތަކާއި ޕެރޯލް ޤާނޫނުގެ 62ވަނަ މާއްދާގައި ބުނެފައިވަނީ ސިޔާސީ ޕާޓީއާއި ޖަމްޢިއްޔާތަކަށް ޢާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު، ޙުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެންނުވާކަމުގައެވެ.

އަދި އެޤާނޫނުގެ 63ވަނަ މާއްދާގައި ބުނެފައިވަނީ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިދީފައިވީނަމަވެސް، ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި އެ މިނިވަންކަން ލިބިގެނެއްނުވާކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ގއ.ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ކްރިމިނަލް ކޯޓުގައި ސާބިތު ވުމުންނެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ދަށުކޯޓުގެ ޙުކުމް ދަމަހައްޓަން ހައިކޯޓުން ނިންމާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21ވަނަ ދުވަހުއެވެ.

މީގެ އިތުރުން ރ.ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގަވެސް މަނީ ލޯންޑްރިންގއާ ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށްވަނީ އުފުލާފައެވެ.