ޚަބަރު

އަމީން މާލެއިން ފުރުން މަނާކޮށް މޮނިކޮން އަމުރެއް ނެރެފި


ޓެރަރިސްޓް ޖަމާޢަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ ޢަމަލެއް ހިންގަން ރޭވުމުގެ ދައުވާލިބޭ މުހައްމަދު އަމީންގެ މައްޗަށް މޮނިކޮން އަމުރެއް ހައިކޯޓުން ނެރެފިއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހައިކޯޓުން ނެރެފައިވާ މި އަމުރުގައިވާގޮތުން އިރުއޮއްސި 6:00 އިން ހެނދުނު 6:00އާ ދެމެދު އޭނާ ގެއިން ބޭރަށް ނިކުތުންވެސް ވަނީ މަނާކުރެވިފައެވެ. އަދި މާލެއިން ބޭރަށް އެއްވެސް ތަނަކަށް އޭނާއަށް ފުރައިގެން ދެވޭނީ ފުލުހުންގެ ހުއްދައަކާ އެކުކަމަށްވެސް އަމުރުގައިވެއެވެ.

މޮނިކޮން އަމުރަކީ ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށް ކުރާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން، އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ހޯމް މިނިސްޓަރަށް ފެންނަ މީހުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމަށް ކޯޓުން ނެރޭ އަމުރެކެވެ.

ޓެރަރިސްޓް ޖަމާޢަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ ޢަމަލެއް ހިންގަން ރޭވުމުގެ ދައުވާލިބޭ މުޙައްމަދު އަމީންގެ މައްޗަށް ދަޢުވާކޮށްފައިވަނީ މުއްދަތު ހަމަވި ފަހުންކަމަށް ކަނޑައަޅައި, އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ހައިކޯޓުން ބާޠިލްކުރި މައްސަލަ ސުޕްރީމް ކޯޓްގައި އިސްތިއުނާފްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ ނިންމަވާފައެވެ.

ހައިކޯޓުން އަމީން ދޫކޮށްލަން ކުރި އަމުރާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ، މިމައްސަލާގައި ޕީޖީ އޮފީހުން ދައުވާ ކޮށްފައިވަނީ މުއްދަތު ހަމަވިފަހުންކަމަށް ހައިކޯޓުން ވިދާޅުވި ވިދާޅުވުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. ޕީޖީ ވިދާޅުވީ ޖިނާއި އިޖުރާތުގެ ޤާނޫނުން ދައުލަތުގެ އިދާރާތަކަށް ނުލިބޭ އެތައް ބާރުތަކެއް ލިބޭގޮތަށް ޓެރަރިޒަމް މަނާކުރާ ޤާނޫނެއް މަޖިލީހުން ފާސްކޮށް ބާރުތަކެއް ދީފައިވާކަމަށެވެ.

އަމީނަކީ 2007 ވަނަ އަހަރު ސަލްޓަންޕާކްގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެންވެސް ފުލުހުން ހޯދަން އުޅުނު މީހެކެވެ. އޭރު އަމީން ހައްޔަރުކުރަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް އޭނާ ހައްޔަރުކުރީ ސްރީލަންކާގައި އުޅެނިކޮށް 2011 ވަނަ އަހަރުއެވެ. އޭގެފަހުން އޭނާ ރާއްޖެ ގެނެސް ދޫކޮށްލާފައި ބެހެއްޓުމަށްފަހު ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރީ 2019ވަނަ އަހަރުއެވެ.

އަމީންއަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.