ދުނިޔޭގެ ވިޔަފާރި

ޗައިނާ ގޮވައިގެން ޓައިވާނުން ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަނަށް


ޓައިވާނުން ޗައިނާއަށް އެތެރެކުރާ އަތައާއި ޖަނބުރޯލުގައި ވިހަ މާއްދާއެއް އެކުލެވޭކަމަށްބުނެ ޓައިވާނުގެ އެފަދަ އުފެއްދުންތައް އެތެރެ ނުކުރާނެކަމަށް ބުނުމުން ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަނަށް މައްސަލަ ހުށަހަޅާނެކަމަށް ޓައިވާނުން ބުނެފިއެވެ.

ޗައިނާގެ ކަސްޓަމްސް އެޑްމިނިސްޓްރޭޝަންއިން ބުނީ ޓައިވާނުން އެތެރެކުރާ އަތައާއި ޖަނބުރޯލުގައި ވިހަ މާއްދާއެއް އެކުލެވޭކަން އެތައް ފަހަރަކު ވަނީ ފާހަގަކުރެވިފައިކަމަށެވެ. އަދި މިކަމާއި ގުޅިގެން އެ އުފެއްދުންތައް ކްލިއަރކުރުން ހުއްޓާލަން އިދާރާތަކަށް އަންގާފައިވާނެކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

ޓައިވާނުގެ ދަނޑުވެރިކަމާއިބެހޭ ވަޒީރުގެ ކައުންސިލް ޗެން ޗިން ޗުންގް ވިދާޅުވީ ޗައިނާއިން މިކަމުގެ ޢަމަލުކޮށްފައިވަނީ އެއްފަރާތަށްޖެހި، އެއްވެސް ކަހަލަ ސައިންޓިފިކް ހެއްކެއްވެސް ނުދައްކާ ކަމަށެވެ. އަދި މިއީ ޤަބޫލުކުރެވޭނެކަމެއް ނޫން ކަމަށްވެސް ޗެން ވިދާޅުވެއެވެ. އަދި މިކަމާއިގުޅިގެން ދެ ޤައުމުގެ ދެމެދުގައި އޮތް ފްރޭމްވޯކްގެ ދަށުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން މައްސަލަ ޙައްލުކުރަން ޓައިވާނުން ހުށަހަޅާފައިވާ ހުށަހެޅުމަށް ޗައިނާއިން ޖަވާބުދާރީ ނުވެއްޖެނަމަ މައްސަލަ ޙައްލުކުރުމަށް ވޯރލްޑް ޓްރޭޑް އޮގަނައިޒޭޝަން އަށް ހުށަހަޅާނެކަމަށްވެސް ޗެން ވިދާޅުވިއެވެ.

ޓައިވާނުގެ ޚާރިޖީ ވަޒީރު ޖޯސެފް ވޫ ވިދާޅުވީ ޗައިނާއިން މިހާރު ދަނީ ވިޔަފާރި ބާރު ނުފޫޒެއްގެގޮތުގައި ބޭނުންކުރަމުން ކަމަށާއި އަދި މިކަމުގެ ސަބަބުން ކޮމްޕްރިހެންސިވް އެންޑް ޕްރޮގްރެސިވް އެއްބަސްވުމުގައި ބައިވެރިވާން ޗައިނާއިން މިދިޔަ ހަފްތާ ހުށަހަޅާފައިވާ ހުށަހެޅުމާއިމެދުވެސް ޝައްކު އުފެދޭކަމަށެވެ.

މިއީ ޓައިވާނުން އެތެރެކުރާ މޭވާ ޗައިނާއަށް އެތެރެކުރުން މަނާކުރާ ދެވަނަ ފަހަރުއެވެ. މީގެކުރިން ޗައިނާއިން ވަނީ ޓައިވާނުން ޗައިނާއަށް އެތެރެކުރާ އަލަނާސީގައި ނުރައްކާތެރި ދިރޭއެއްޗެއް އުޅޭކަމަށްބުނެ ޗައިނާއަށް އަލަނާސި އެތެރެކުރުން މަނާކޮށްފައެވެ. ނަމަވެސް ޓައިވާނުން ވަނީ މިކަން ދޮގުކޮށްފައެވެ. އަތަ އަދި ޖަނބުރޯލަކީ ޓައިވާނުގެ ޚާއްޞަ ދެ އުފެއްދުންކަމަށްވާއިރު އަނބަކީވެސް ޓައިވާނުން ގިނަ ޢަދަދަކަށް އުފައްދާ މޭވާއެކެވެ.