ޚަބަރު

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިރޭގެ ނިޔަލަށް


ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިރެއަށް ހަމަވާނެކަމަށް އެޕާޓީން ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ނިމިގެން ގޮސްފައިވަނީ ވަރަށް އަމާންކަމާއި އޮމާންކަމާ އެކީގައެވެ. ރާއްޖޭގެ ހުރިހައި ރަށެއްގައި ވޯޓުލުން ކުރިއަށް ގޮސްފައިވާއިރު، އިންތިޚާބު ބޭއްވިދުވަވެސް މާބޮޑެތި ޝަކުވާތަކެއް ލިބިފައި ނުވާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އިންތިޚާބާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މިރޭ 8ގެ ކުރިން ޝަކުވާއެއް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 މީހަކު ވަނީ އިންތިޚާބު ވެފައެވެ. ޤައުމީ މަޖިލީހަށް އިންތިޚާބަށް ހޮވުނު މީހުންގެ ތެރޭގައި ސަރުކާރުގެ ވަޒީރުންނާއި މަތީ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ފަރާތްތައް ހިމެނެއެވެ.

އިންތިޚާބުގެ ވޯޓް ނެގުމުގެ ކުރީން 165 ކެންޑިޑޭޓަކު ވަނީ ހޮވިފައެވެ. މިބޭފުޅުން ހޮވިފައިވަނީ ކުރިމަތިލާންޖެހޭ އަދަދަށްވުރެ އިތުރަށް މެމްބަރުން ކުރިމަތި ނުލުމުންނެވެ. މި އިންތިޚާބުގައި 92،743 މީހުނަށް ވޯޓް ލެވޭނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ ވާދަވެރި އިންތިޚާބެވެ.