ދުނިޔޭގެ ވިޔަފާރި

މެލޭޝިއާގެ އެއަރ އޭޝިއާއަށް ބޮޑު ގެއްލުމެއް


މި އަހަރުގެ އޭޕްރީލުން ޖޫންމަހުގެ ނިޔަލަށް މެލޭޝިއާގެ އެއަރ އޭޝިއާއަށް 5.9 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުންލިބިއްޖެކަމަށް އެ އެއަރލައިނުން ބުނެފިއެވެ. އަދި މިއީ މިދިޔަ އަހަރު އެއަރލައިނަށް ލިބުނު ގެއްލުމާއި އަޅާބަލާއިރު 8 ގުނަ އިތުރަށް ލިބުނު ގެއްލުމެއްކަމަށްވެސް އެއަ އޭޝިއާއިން ބުނެއެވެ.

މިގޮތުން އޭޕްރީލް އިން ޖޫން މަހުގެ ނިޔަލަށް އެއަރލައިނަށް މުޅި ޖުމްލަ 24.6 ބިލިއަން ރިންގިޓް ނުވަތަ 5.88 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ވަނީ ލިބިފައެވެ. މި ދިޔަ އަހަރު އެއަރލައިނަށް މުޅި ޖުމްލަ ވަނީ 305.2 މިލިއަން ރިންގިޓްގެ ގެއްލުން ލިބިފައެވެ.

މީގެއިތުރުން އެއަރލައިންގެ އާމްދަނީވެސް 72.3 މިލިއަން ރިންގިޓަށް ދަށްވެފައިވާއިރު މި މުއްދަތުގެ ތެރޭގައި އެއަރލައިނުން ވަނީ ދަރަނީގެގޮތުގައި ނަގާފައިވާ 23.8 މިލިއަން އެމެރިކާ ޑޮލަރު ދައްކާފައެވެ.
މިއާއެކު އެއަރލައިންގެ ޚަރަދުކުޑަކުރުމުގެގޮތުން ބައެއް ބޯޓުތައް މަދުކޮށް އިތުރުވެފައިވާ ބޯޓުތައް ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކާއި އަނބުރާ ޙަވާލުކުރުމުގެ މަސައްކަތްވެސް އެއަރލައިނުންދަނީ ކުރަމުންނެވެ. އަދި ކުރިއަށްހުރި އަހަރުތަކުގައި ބޯޓުތަކުގެ ކުލި ކުޑަކުރުމުގެ މަޝްވަރާތައްވެސް އެއަރ އޭޝިއާއިން ދަނީ ކުރަމުންނެވެ.

ބޯޓުތަކުގެ ކުލި ކުޑަކުރުމުގެއިތުރުން ކުންފުނިން ދަރަނީގެގޮތުގައި ނަގާފައިވާ 64.15 ބިލިއަން ރިންގިޓް 200 މިލިއަން ރިންގިޓަށް ކުޑަކުރުމުގެ މަޝްވަރާތައްވެސް ލޯނު ނަގާފައިވާ ފަރާތްތަކާއިއެކު އެއަރލައިނުން ދަނީ ކުރަމުންނެވެ.

އަދި އެއަރ އޭޝިއާއިންދަނީ ސަރުކާރުންދޭ 500 މިލިއަން ރިންގިޓްގެ ލޯން ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.