ޚަބަރު

ޖުލައި މަހުގެ ކަރަންޓު ބިލު ބޮޑުވުމުގައި ގޯހެއް ނެތް - ޔުޓިލިޓީ އޮތޯރިޓީ


މިއަހަރުގެ ޖުލައިމަހުގެ ކަރަންޓު ބިލުތައް ބޮޑުވުމުގައި ގޯހެއް ނުހިނގާކަމަށް ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ޖުލައި މަހު، ސްޓެލްކޯއިން ދޭ ކަރަންޓުގެ ބިލުތައް އާދަޔާ ޚިލާފަށް ބޮޑުވުމުގެ ސަބަބުން ގިނަ ބައެއްގެ ޝަކުވާތައް ފެންމަތިވުމާއެކު އެ މައްސަލަ ބެލުމަށްފަހު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ ރިޕޯޓެއް އެކުލަވާލާފައެވެ.

މި ރިޕޯޓާ ގުޅިގެން އެއޮތޯރިޓީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ބައެއް ކަސްޓަމަރުންގެ ބިލު ބޮޑުވީ މައިގަނޑު ގޮތެއްގައި ދެ ސަބަބަކާހުރެ ކަމަށެވެ.

މިގޮތުން ބައެއް ކަސްޓަމަރުންގެ ބިލު ބޮޑުވީ ސްޓެލްކޯއިން ޖުލައި މަހުުގައި ފޮނުވި ބިލަކީ ޖޫން 10އިން ފެށިގެން ޖުލައި 10އާ ދެމެދުގައި ކަރަންޓު ބޭނުންކޮށްފައިވާ ވަރަށް ބަލައިގެން ތައްޔާރުކޮށްފައިވާ ބިލުތަކެއް ކަމުގައި ވިއަސް އީދު ބަންދުގައި ބިލުކުރި މިންވަރު އެ ބިލުގައި ނުހިމެނުމަމަކީ ބިލު ބޮޑުވި ސަބަބެއް ކަމަށް އެއޮތޯރިޓީން ވިދާޅުވެއެވެ. ޖުލައި މަހުގެ ބިލު ކުޑަނުވީ އީދު ބަންދުގައި ކަރަންޓު ބޭނުންކުރި މިންވަރު ޖުލައިގެ ބިލުގައި ނުހިމެނޭތީ ކަމަށާއި، ޢީދު ޗުއްޓީގައި ކަރަންޓު ބޭނުންކުރި މިންވަރު ހިމަނާފައިވަނީ އޯގަސްޓު މަހުގެ ބިލުގައި ކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.

ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވިދާޅުވީ ބިލު ބޮޑުވުމަށް މެދުވެރިވި ދެވަނަ ސަބަބެއް ކަމަށް އެ އިދާރާއިން ފާހަގަކުރެވެނީ ޖޫން މަހުގެ ބިލަށް ސަރުކާރުން ދިން %40 ޑިސްކައުންޓު ޖުލައި މަހުގެ ބިލަށް ދީފައިނުވެއެވެ. އެހެންކަމުން ޑިސްކައުންޓު ނުލައި ބިލު ހެދުމުން އެ ތަފާތު ބިލުން ފެނުނީ ކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވިއެވެ.

ޖުލައި މަހުގެ ކަރަންޓު ބިލު ލިބުމާއެކު ސްޓެލްކޯގެ ބައެއް ކަސްޓަމަރުން ވަނީ ކުރީ މަސްތަކާ އަޅާބަލާއިރު އާދަޔާއި ޚިލާފަށް ކަރަންޓުބިލު ބޮޑު ކަމުގެ ޝަކުވާކޮށްފައެވެ. މިކަމާ ގުޅިގެން ސްޓެލްކޯއިން ވިދާޅުވެފައިވަނީ ޖުލައި މަހުގެ ކަރަންޓު ބިލު ބޮޑުވިކަމަށް ދައްކަނީ ކޯވިޑްގެ ދަތިކަމާ ގުޅިގެން ކަރަންޓު ބިލްތަކަށް ސަރުކާރުން ދިން ސަބްސިޑީ ކަނޑާލައި، ބިލު ފޮނުވުމުންކަމަށެވެ.

އަދި ބައެއް ބިލްތައް އިތުރަށް ބޮޑު ކަމަށް ދައްކަނީ މިދިޔަ ދުވަސްތަކުގައި ކަރަންޓް ބިލް ނުދެއްކި ހުރި މީހުން ކުރިއަށް ހުރި މަސްތަކަށް ބަހާލައިގެން ބިލް ދެއްކުމުގެ ފުރުސަތު ދިނުމުން އެ ބައިވެސް ޖުލައި މަހުގެ ބިލަށް އިތުރުކޮށްފައި އޮތުމުން ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.