ޚަބަރު

ރާއްޖޭގެ ތާރީހުގައިވެސް މީހުން ބިނާކުރުމަށް އެންމެ ބޮޑު ހޭދައެއްކުރީ މިސަރުކާރުން: މިނިސްޓަރ


ރާއްޖޭގެ ތާރީހުގައި މިހާތަނަށް މީހުން، ބިނާކުރުމަށާއި، މަތީ ތައުލީމް އުގަންނައި ދިނުމަށް ނުކުރާވަރުގެ ބޮޑެތި ހޭދަތަކެއް މިސަރުކާރުން މިވީ ކުރު މުއްދަތުގައި ކޮށްފައިވާކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރާއި ކުރެވުނު ސުވާލުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ މިހިނގާ ރިޔާސީ ދައުރަކީ ރާއްޖޭގެ ތައުލީމީ ހަޔާތުގައި މީހުން ބިނާ ކުރުމަށާއި، އުގަންނައި ދިނުމަށް އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ދުވަސްތައް ކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން ދިމާވި އިޤްތިޞާދީ ގޮންޖެހުންތަކާއިއެކުވެސް ރައީސުލްޖުމްހޫރިއްޔާގެ ޙާއްސަ އިސްނެންގެވުމުގެ މަތީން މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ އެއްވެސް ދަރިވަރަކަށް ސަރުކާރުން ހަމަޖައްސަން ޖެހޭ އެއްވެސް ކަމަކަށް ދަތިވެފައިނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސްކޮލާޝިޕްތަކާއި، ސްޓޫޑެންޓް ލޯނު ހަމަޖެއްސުމުގައިވެސް އެއްވެސް ދައްޗެއް ނެތި ސަރުކާރުން އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ބަލާގޮތުގައި މިދައުރުގައި މިހާތަނަށް އަޅުގަނޑުމެންނަށް އާދަޔާއި ޚިލާފް މަސައްކަތްތަކެއް ކުރެވިއްޖެ. މީހުން ބިނާކުރުމަށްޓަކައި، އަދި ޚާއްސަކޮށް މަތީ ތައުލީމާއި، ތަމްރީން ހޯދުމަށް ދުވަހަކުވެސް ނުކުރެވޭ ވަރުގެ މަސައްކަތްތަކެއް މިސަރުކާރުން ވަނީ ކޮށްފަ. ދުވަހަކުވެސް ސަރުކަރުން ނުކުރާވަރުގެ ހޭދަ މިސަރުކާރުން ކޮށްފި." މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން ވަނީ މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދިނުމަށް މިއަހަރުގެ ފެބްރުއަރީމަހު ހުޅުވާލި ސްޓޫޑެންޓް ލޯނު ލިބުނު 514 ދަރިވަރުންނަށް ލޯނު މިހާތަނަށް ދޫކޮށްފައެވެ. މިއީ ސްޓޫޑެންޓް ލޯން ދޭ އުޞޫލަށް ބަދަލުގެނެސް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާސިލްކުރަން ހުޅުވާލީ ފުރަތަމަ ފަހަރެވެ. އެގޮތުން މި ބުރުގައި 550 ފުރުޞަތު ހުޅުވާލިއިރު މިކަމަށް 151 މިލިޔަން ރުފިޔާ ޚަރަދުވެއެވެ.

ވޭތުވެދިޔަ އަހަރު މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ގޮތުގައި ކޮލެޖް އަދި ޔުނިވަރސިޓީތަކުން ހިންގި 843 ޕްރޮގްރާމެއްގައި 13999 ދަރިވަރުން ބައިވެރިވެފައިވެއެވެ.