އެމެރިކާގެ އިލެކްޓްރިކް ވެހިކަލް އުފައްދާ ކާރުޚާނާތަކަށް 11.4 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރަން އެމެރިކާގެ މަލްޓިނޭޝަނަލް އޮޓޯމޮބައިލް ކުންފުނި ފޯޑުން ނިންމައިފިއެވެ.
ފޯޑް ކުންފުނިން ބުނީ އިލެކްޓްރިކް ވެހިކަލް އުފައްދާ ކާރުޚާނާތަކަށް އިތުރަށް އިންވެސްޓްކުރުމަށް ނިންމާފައިވާއިރު، އެކުންފުނީގެ އެންމެބޮޑު ކާރުޚާނާ އެމެރިކާގެ ޓެނެސީގައި ޤާއިމުކޮށް ދެ ބެޓްރީ ޕާކް ކެންޓާކީގައި ޤާއިމުކުރުމަށްވެސް ފޯޑުން ވަނީ ނިންމާފައެވެ.
ފޯޑުން ޤާއިމްކުރާ އިންވެސްޓްމަންޓްތަކުގެ ތެރޭގައި އެމެރިކާގެ ކަސްޓަމަރުންނަށް ޒީރޯ އެމިޝަން ކާރާއި ޕިކަޕްވެސް އުފައްދާނެކަމަށް އެ ކުންފުނިން ބުނެއެވެ. މިއާއިއެކު 11000 އިތުރު ވަޒީފާވެސް އުފެދިގެންދާނެއެވެ. ފޯޑުގެ ވާދަވެރިންކަމަށްވާ ޖީއެމް އަދި ސްޓެލަންޓިސް ފަދައިން 2030 ވަނަ އަހަރު އަންނަންވާއިރަށް ފޯޑުން ވިއްކާ ވެހިކަލްތަކުގެ ދެބައިކުޅައެއްބައި ވެހިކަލްއަކީ ޒީރޯ އެމިޝަން ވެހިކަލްކަމުގައި ހެދުން އެއީ ފޯޑުގެ އަމާޒެކެވެ.
ފޯޑުގެ ރައީސް އަދި ޗީފް އެގްޒެކްޓިވް ޖިމް ފާލޭ ވިދާޅުވީ މިއީ އެމެރިކާއަށް ރަނގަޅު މުސްޠަޤްބަލެއް ހޯދުމަށް ކުންފުނިންކުރާ އެންމެ ބޮޑު އިންވެސްޓްމެންޓްކަމަށެވެ.
ފޯޑުން މީގެކުރިންވެސް ވަނީ އެމެރިކާގެ ޓެކްސަސް އަދި މިޝިގަން ކާރުޚާނާތަކަށް އިންވެސްޓްކޮށްފައެވެ. އަދި ދެކުނު ކޮރެއާގެ ބެޓްރީ އުފައްދާ ކުންފުނި އެސްކޭ އިނޮވޭޝަންއާއިއެކު އިތުރު އިންވެސްޓްމަންޓްތައް ކުރަމުންދާނެކަމުގައިވެސް ފޯޑުން ބުނެއެވެ.
އިލެކްޓްރިކަލް ވެހިކަލްގެ މަޤުބޫލުކަން އަދިވެސް އެމެރިކާގައި އެހާ ބޮޑު ނޫންއިރު މުޅި ދުނިޔޭގެ އިލްކެޓްރިކް ވެހިކަލް ވިޔަފާރީގައި އެމެރިކާއިން ޙިއްޞާވަނީ އެންމެ 2 އިންސައްތައެވެ. މިއާއިއެކު އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ދަނީ މިކަން ބަދަލުކުރުމަށް ވަރަށްބޮޑަށް މަސައްކަތް ކުރަމުންނެވެ.