ދުނިޔޭގެ ވިޔަފާރި

ޓައިވާނުގެ އިޤްޠިޞާދު %6އަށްވުރެ އިތުރުވާނެކަމަށް ލަފާކޮށްފި


ޓައިވާނުގެ މިއަހަރުގެ އިޤްޠިޞާދު %6އަށްވުރެ އިތުރުވާނެކަމަށް އެ ޤައުމުގެ މާލީ ވަޒީރު ސޫ ޖެއިން ރޮންގް ވިދާޅުވެއްޖެއެވެ.

ސޫ މިގޮތަށް ވިދާޅުވެފައިވަނީ ޓައިވާނުގެ ޤާނޫނު ހަދާ މަޖިލީހުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ޓައިވާނުން މުދާ ބޭރުކުރާ މިންވަރު އިތުރުވުމާ ގުޅިގެން އެ ޤައުމުގެ މަރުކަޒީ ބޭންކުންވަނީ އިޤްޠިޞާދު ކުރިއަރާނެ މިންވަރަށް ބަދަލު ގެނެސްފައެވެ. މުދާ ބޭރުކުރާ މިންވަރު އިތުރުވުމާގުޅިގެން ކޯވިޑާއެކުވެސް ޓައިވާނުގެ އިޤްޠިޞާދުވަނީ ކުރިއަރާފައެވެ.

މީގެއިތުރުން މަރުކަޒީ ބޭންކުންވަނީ ޓައިވާނުގެ ޖީޑީޕީ، މި އަހަރު ޖޫންމަހު ޖީޑީޕީ ހުރި %5.08އިން %5.75އަށް އިތުރުވާނެކަމަށްވެސް ލަފާކޮށްފައެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޓައިވާނުގެ ޖީޑީޕީ ވަނީ %7.43އަށް އިތުރުވެފައެވެ. ނަމަވެސް މިއީ ފުރަތަމަ ކުއާޓަރުގެ ޖީޑީޕީ ހުރި މިންވަރުކަމަށްވާ %8.92އަށްވުރެ ދަށް ޢަދަދެކެވެ.

ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ގޭގައި ތިބެގެން މަސައްކަތްކުރަން ޖެހުމުން ޓައިވާނުގެ ޓެކްނޮލޮޖީގެ އުފެއްދުންތަކަށް އޮތް ޑިމާންޑް އުފުލުމާއެކު މެއިމަހު ފެތުރޭން ފެށި ކޯވިޑްގެ ބަލިމަޑުކަމާއިއެކުވެސް ޓައިވާނުގެ އިޤްޠިޞާދަށް މާބޮޑު އަސަރެއް ނުކުރެއެވެ.