މ. މަޑުއްވަރީ ބަނދަރުގެ މަޝްރޫޢަށް ރަށު ރައްޔިތުން ގެންނަން ބޭނުންވާ ބަދަލުތަކާއި ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ގޮތްތަކެއް ނިންމަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު މުލަކަތޮޅު މަޑުއްވަރީ ކައުންސިލާއި ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ މުހިންމުކަންކަމާއި ކައުންސިލާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ކުރެއްވި މަޝްވަރާގައެވެ.
ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މަޑުއްވަރީ ކައުންސިލުން ވަނީ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކާއެކު އެރަށު ކައުންސިލުން ބައްދަލުކޮށް މަޝްވަރާކޮށްލުމުގެ ފުރުޞަތު ނުލިބޭތާ އެތައް އަހަރުތަކެއް ވޭތުވެފައިވާކަން ފާހަގަކުރައްވައި އެ ފުރުޞަތު ދެއްވީތީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެކަންކަމުން ދޭހަވަނީ ތަރައްޤީގެ ކަންކަމުގައި ބޮޑެތި އާބާދީތަކޭ އެއްގޮތަށް ކުދި އާބާދީތަކަށް ސަރުކާރާ އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސަމާލުކަންކަމުގައި ކައުންސިލަރުން ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލާއި ރައްޔިތުން ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާކަމެއްގެ ގޮތުގައި ފާހަގަކުރީ، ރަށުގައި އެކަށީގެންވާ ރައްކާތެރި ބަނދަރެއް ނެތުމުގެ ދަތިކަމެވެ. އެގޮތުން ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ހުރި ފުރުޞަތުތަކާ، އެރަށުގައި ރައްކާތެރި ބަނދަރެއް ތަރައްޤީކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކައުންސިލުން ވަނީ ބަނދަރާއި ގުޅިގެން ރަށަށް ބިން އިތުރުކުރުމާއި ގިރަމުންދާ ސަރަހައްދުތައް ހިމާޔަތްކުރުމާއި ކުނި މެނޭޖްކުރުމުގައި ހުރި ދަތިތަކާއި ރަށުގެ އިޙްތިޞާސް ކަނޑައަޅާފައިވާ ގޮތަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އަދި ކައުންސިލުގެ އިންސާނީ ވަޞީލަތުގެ ދަތިކަންފަދަ ރަށާއި ރައްޔިތުންގެ ކުރިއެރުމަށް މުހިންމު ކަންކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޑުއްވަރީ ކައުންސިލުން ފާހަގަކުރެއްވި ބަދަލުތައް ބަނދަރުގެ މަޝްރޫޢަށް ގެނައުމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ގޮތްތަކެއް ނިންމަވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލުތަކުގެ ދައުރު މިހާރު ފުޅާވެފައިވާކަން ފާހަގަކުރައްވައި ތަރައްޤީގެ ކަންކަމުގައި ކައުންސިލުން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ރަށުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި ސަރުކާރުން މަސައްކަތްކުރާނީ އެރަށެއްގެ ރައްޔިތުންނާއި ކައުންސިލާއި ގުޅިގެން އެ ފަރާތްތަކުގެ މަޝްވަރާއާއެކުކަން ފާހަގަކުރައްވައި ރަށުގެ ތަރައްޤީއަށް ކުރެވޭ އެފަދަ ކަންކަމުގައި ކައުންސިލުގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.