ޚަބަރު

ހިންމަފުށީ ބަނދަރު ފުންކުރުމުގެ މަސައްކަތް ނިންމާލައިފި


ކ.ހިންމަފުށީ ބަނދަރު ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. ހިންމަފުށި ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން ވިދާޅުވީ ހިންމަފުށީ ބަނދަރުގެ މަޝްރޫއު ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ދެވަނަ ފިޔަވަހީގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތް ނިމިފައިވާކަމަށާއި މިހާރު ކުރިއަށްދަނީ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 38 މީޓަރގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 172 މީޓަރ އެއްގަމު ތޮށިލުން ހިމެނެއެވެ. އަދި ރޭމްޕެއް ހެދުމާއި، 772 އަކަ މީޓަރ ޕޭވްމަންޓް ހެދުމާއި 10 މޫރިންގ ބްލޮކްސް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރަށް 18800 އަކަ މީޓަރ ބަނދަރު ފުންކުރުމާއި، 9,900 އަކަ މީޓަރ ނެރު ފުންކުރުމާއި، 287 މީޓަރ ރިވެޓްމަންޓް ޖެހުމާއި،4 ނެރުބައްތި ޖެހުމުގެ އިތުރުން 11 ބަނދަރު ބައްތި ޖެހުންވެސް މި މަޝްރޫއުގައި ހިމެނެއެވެ. މި މަޝްރޫއަށް 24.6 މިލިޔަން ރުފިޔާ ޚަރަދުވެއެވެ.

ހާހަކަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކ.ހިންމަފުއްޓަކީ މާލެ ސަރަޙައްދުގައި ބައިނަލްއަޤުވާމީ ފެންވަރުގެ މަސް ފެކްޓްރީ ހިންގަމުން އަންނަ މަސްވެރި ރަށެކެވެ. މީގެއިތުރުން އެރަށަކީ ލޯކަލް ޓޫރިޒަމްގެވެސް ޚާއްސަ ރަށެކެވެ. މިކަންކަން ކުރިއަރުވައި ތަރައްޤީކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ރަށުގެ ބަނދަރު ކުޑަވުމެވެ.