ޚަބަރު

މޫސުމަށް އަންނަ ބަދަލުތަކާއެކު ދިރިއުޅުމުގެ ވައްޓަފާޅިއަށްވެސް ބަދަލުތަކެއް ގެންނަންޖެހޭ: ނާއިބު ރައީސް


މޫސުމަށް އަންނަ ބަދަލުތަކާއެކު ދިރިއުޅުމުގެ ވައްޓަފާޅިއަށްވެސް ބަދަލުތަކެއް ގެންނަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އިން ބޭއްވި "އެކުވެރި އެމް.ޑަބްލިއު.އެސް.ސީ" ނެޓްވާރކިން ޑިނަރ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރާއްޖެފަދަ ކުޑަޖަޒީރާ ޤައުމެއްގައި ދިރިއުޅޭއިރު މޫސުމަށް އަންނަ ބަދަލުތަކަށް ވިސްނުން ހިންގައި އެބަދަލުތަކާއެކު ދިރިއުޅުމުގެ ވައްޓަފާޅިއަށް ވެސް ބަދަލުތަކެއް ގެންނަންޖެހޭކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޚާއްޞަކޮށް ފެން އިސްރާފުނުކުރުމާއި އަދި ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އިސްރާފުތައް ކުޑަކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވަނީ އެމް.ޑަބްލިއު.އެސް.ސީ.އާ އަދި ސަރުކާރު ހިއްޞާވާ އެހެން ކުންފުނިތަކުންވެސް އެކުންފުނިތަކުން ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ އެކިކަންކަމާއި މީހުން ބިނާކުރުމާއި އަދި ރައްޔިތުންނަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރުންފަދަ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާކަން ފާހަގަކުރައްވައި ކުންފުނިތަކުގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ ތެރޭގައި ވަރަށް ކުދިކުދި ކަންކަމުން ފެށިގެން ބޮޑެތި މަސައްކަތްތައް ކުރިޔަށްގެންދަވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ކިތަންމެ ކުޑަ މަސައްކަތެއް ކަމުގައިވިޔަސް އެއީ ރައްޔިތުންގެ ފަސޭހައަށް ކުރެވޭ ކަންތައްތައް ކަމުގައިވާތީ އެފަދަ ކަންކަމުގައިވެސް ކުންފުނިތަކުން ގުޅިގެން މަސައްކަތްކުރަމުން ގެންދެވުމަށް އެދިވަޑައިގަންނަވާފައެވެ.

އެމް.ޑަބްލިއު.އެސް.ސީ.އާއެކު އެހެން ކުންފުނިތަކުން ބާއްވަމުންގެންދާ ގާތްގުޅުން ދަމަހައްޓައި ކުންފުނިތަކުގެ ވެރިންގެ މެދުގައި ގުޅުންބަދަހިކުރުމުގެ ގޮތުން އެމް.ޑަބްލިއު.އެސް.ސީން ބޭއްވި ޙަފްލާގައި ސަރުކާރާއި ސަރުކާރު ޙިއްޞާވާ އެކި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.