ޚަބަރު

ދޮށީ ޢުމުރުގެ މީހުންގެ ދުވަސް ފާހަގަކުރަން ފެރިދޫގައި އާޢިލީ ހަވީރެއް


ބައިނަލްއަޤވާމީ ގޮތުން ފާހަގަކުރާ ދޮށީ އުމުރުގެ މީހުންގެ ދުވަސް ފާހަގަކުރުމަށް އއ.ފެރިދޫގައި އާޢިލީ ހަވީރެއް ބާއްވައިފިއެވެ.

މިދުވަސް މިފަހަރު ފެރިދޫގައި ފާހަގަ ކުރާއިރު ދުވަހާގުޅޭ ޙަރަކާތްތައް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އާއި ޕެންޝަން އޮފީހާއި ފެރިދޫ ކައުންސިލް ގުޅިގެންނެވެ.

މިއަހަރުގެ ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ފެރިދޫގައި ބޭއްވި އާއިލީ ހަވީރުގައި ގިނަ ޢަދަދެއްގެ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ވަނީ ބައިވެރިވެފައެވެ. މި ޢާއިލީ ހަވާިރުގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ގަޔާވާފަދަ ކުޅިވަރުތަކެއް ވަނީ ހިމަނާނަފައެވެ. މިގޮތުން އޮއްވަޅުގޮނޑިއާއި، ރަޒުވާފަދަ އެތަކެއް ކުޅިވަރުތަކެއް ހިމަނާފައިވެއެވެ. އަދި އެކި ސްޓޯލްތަކުން ދުވަސްވީ މީހުންނަށް ޚާއްސަ މަޢޫލޫމާތުތަކެއްވެސް ވަނީ ދީފައެވެ. އޭގެތެރޭގައި ކަސްރަތުކުރުމުގެ މުހިންމުކަމާއި ކަސްރަތުކުރާނެ ގޮތްތައްވެސް ވަނީ ކިޔާދީފައެވެ.

ޢާއިލީ ހަވީރުގެ އިތުރަށް އެރަށުގެ ހުރިހާ ގޭބިސިތަކުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންގެ ހާލަތު ޖެންޑަރ މިނިސްޓްރީއާއި ޕެންޝަން އޮފީހުގެ ޓީމުން ވަނީ ބައްލަވާލައްވާފައެވެ.

މިދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ އިތުރު ހަރަކާތްތަކަށް ބަލާއިރު ފެރިދޫގައި ވަޒީފާ އަދާކުރާ މީހުންނާއި ވަޒީފާ ދޭ މީހުންގެ އިތުރަށް އެ ޢުމުރުފުރާގެ މީހުންނަށް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާދަމާ އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ގްރައުންޑް ގޮލްފްގެ ހަރަކާތާއި ކަސްރަތު ޕްރޮގްރާމްއާއި އިސްރަށްވެހިންގެ ހަފްލާވެސް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

ބައިނަލްއަޤްވާމީ ދޮށީއުމުރުގެ މީހުންގެ ދުވަހެއް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމުގެ ބޭނުމަކީ، ދޮށީ އުމުރުގެ މީހުންނަށް ރައްކާތެރި މުޖުތަމަޢެއް ބިނާކޮށް، ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ދޮށީ އުމުރުގެ މީހުން ކޮށްފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އެ މީހުންގެ ބައިވެރިވުން ތަފާތު ދާއިރާތަކުގައި އިތުރުކުރުމަށް ބާރުއެޅުމެވެ.

މުޅި ދުނިޔޭގައިވެސް ދޮށީ އުމުރުގެ މީހުންގެ އާބާދީ އަންނަނީ އެއް ދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ. މިހާރު ދިވެހިރާއްޖޭގެ އާބާދީގެ %5 ހިއްސާކުރަނީ ދޮށީ އުމުރުގެ މީހުންނެވެ. 2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބަށް ބަލާއިރު، 2040ވަނަ އަހަރާހަމައަށް ދާއިރު ދިވެހިރާއްޖޭގެ އާބާދީގެ %10 ހިއްސާކުރާނީ ދޮށީއުމުރުގެ މީހުންކަމަށް އަންދާޒާކުރެވެއެވެ.